ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައިވުމުން ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތައް، ނުވަތަ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން މަޖިލީހުގެ މެމްބަރުންގެ ދަފްތަރަށް އައި ބަދަލާއެކު، ކޮމެޓީތަކަށް ބަދަލު ގެންނަވަން ކުރެވުނު މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެނެވި ކޮމެޓީތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައިވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން ހުށަހެޅި މުހިއްމު ގިނަ ބިލުތައް ހުރީ މަޖިލީހުގެ ކޮމިޓީތަކުގައި ކަމަށެވެ. އަދި ކޮމިޓީތައް ކުރިއަށް ނުދާތީ އެ ބިލުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
"ސަރުކާރުގެ ކަންބޮޑުވުން އެބަހުރި. ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް މަޖިލީހުގެ ތެރޭގައި މަޑުޖެހި އަދި ލެޖިސްލޭޓިވް އެޖެންޑަރ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެބަދިމާވޭ. ނިމިގެން މިދިޔަ ހަފުތާގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރުވެސް އިގުތިސޯދާ ގުޅުންހުރި މުހިންމު ބައެއް ބިލުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރެއްވި،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި ޖަނަވާރުގެ ސިއްހަތުގެ ބިލާއި ބިނާވެށި ޕްލޭން ކުރުމާ ބެހޭ ބިލާއި އިންޝުއަރެންސް ބިލާއެކު ގިނަ އަދަދެއްގެ ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުތައްވެސް މަޑުޖެހިފައިވާ ކަމަށެވެ.
މަޖިލީހުގައި ހުރި ރައްޔިތުންނާ ގުޅުންހުރި ބިލުތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ނިންމަން ބޭނުންވާ ކަމަށާއި އޭގެ ފައިދާ ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ލިބިގެން ދިއުމަށް ސަރުކާރުން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށްޓަކައި، މިދިޔަ ދެ ހަފްތާގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި، މިނިވަން މެމްބަރުންނާއިއެކު ވަނީ އެކި ފަހަރު މަތީން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. ނަމަވެސް މިހާތަނަށް މާބޮޑު ހައްލެއް އައިސްފައެއް ނުވެއެވެ.