އައްޑޫސިޓީގައި އެއްބަނޑު އެއްބަފާ ބޭބެ ގަޔަށް ކަތުރެއް ހަރައި މަރާލިކަމުގެ ތުހުމަތުވާ 25 އަހަރުގެ ހުސައިން މަވާޒް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

އައްޑޫސިޓީގެ މަރަދޫފޭދޫ ބްލޫސްޓާ މަވާޒު ފުލުހުންނާ ހަވާލުވީ، އިއްޔެ ގަން ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލައަށެވެ. އަދި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. މަވާޒް ހައްޔަރުކުރީ ކޯޓު އަމުރަކާ އެކުގައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު މީޑީއާ އަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލިކަމުގެ މައްސަލާގައި އިއްޔެ ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ޒަހަމްވީ، 27 އަހަރުގެ އަހުމަދު ޝުއައިބު އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންނެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ޝުއައިބު މަރުވީ ފަރުވާ ދެމުންދަނިކޮށެވެ.