ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމްޑީޕީގެ ޓީމުތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެމްޑީޕީ އޮފީހުގައެވެ.

އެގޮތުން މިނިސްޓަރ ޝާހިދު ވަނީ ހއ. ބާރަށް، ށ.ކަނޑިތީމު، ށ. ފޮނަދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމްގެ އިތުރުން ހއ. ދިއްދޫ ދާއިރާގެ ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރައްވާފައެވެ. މިނިސްޓަރ މި ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ކޯޑިނޭޓަރުގެ ޙައިސިއްޔަތުންނެވެ.

މީގެ އިތުރުން، މިނިސްޓަރ ވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެ ދާއިރާތަކުގެ ކެމްޕެއިން ޓީމްތަކާއި ބައްދަލު ކުރައްވައި، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް މުހިންމުވަނީ މިސަރުކާރުން ރައްޔިތުންނަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކާއި، ސިޔާސަތުތައް އިތުރަށް ތަންފީޒު ކުރުމަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ 30 ސެޕްޓެމްބަރުގައެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.