ފެނަކައިގެ މުވައްޒަފުންނަކީ އެކުންފުނީގެ ރައުސުލްމާލު ކަމަށާއި އެ މުވައްޒަފުންގެ ހައްގުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ އެކުންފުނީގެ މެނޭޖްމަންޓު ދަންނަ ކަމެއް ނޫންކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

މިގޮތަށް ހާމަކޮށްފައިވަނީ އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައެވެ. އޭގައި ފެނަކައިގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް އިލްތިމާސްކޮށް، ވަގުތާއި ވަސީލަތްތައް މުޖުތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތެއް ކުރުމުގައި ބޭނުން ކުރުމަށްވެސް އެކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިހާރަކަށް އައިސް ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށްގެން އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާޢިއު ކުރަމުންދާ ކަން ފާހަގަކޮށް، އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަންތައް ކުރަނީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށް ފެނަކަ ވުމުން އޭގެ ފައިދާ ނަގައިގެން ނޫސް ކިޔާ ފަރާތްތައް އިތުރުކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ކުރާ ކަމެއްކަމަށެވެ.

އެހެންކަމުން މިފަދަ ކަންތައް ހުއްޓާލުމަށް އެކުންފުނިން ވަނީ ގޮވާލާފައެވެ. ފެނަކައާ ބެހޭ ގޮތުން ދޮގު ވާހަކަތައް ހަމަޖައްސައި ލިޔެ ޝާއިއު ކުރުމަށް ހޭދަކުރާ ވަގުތާއި ވަސީލަތްތައް ބޭނުން ކޮށްގެން މުޖުތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް އެބަޔާނުގައި އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.

ފެނަަކައިގެ ބަޔާނުގައި ބުނެފައިވަނީ، 2018ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17އިން ފެށިގެން އެކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައި ބަލައިގަނެ ނިންމަވާފައިވާ ކަމަށެވެ. ކުންފުނީގެ މުވައްޒަފުންނަށް އެއްވެސް ބިރެއް ނެތި ވަޒީފާ އަދާ ކުރެވޭނޭ ފަހި މާހައުލެއް ގާއިމު ކޮށްދީ، ލިބިފައިވާ ހައްގުތަކުގެ ބޭނުން އެންމެ ތަނަވަސް ގޮތެއްގައި ބޭނުން ކުރުމުގެ ފުރުސަތު މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެއްވެސް ހާލެއްގައި އެ ހައްގުތަކަށް ހުރަސް އަޅައި، މުވައްޒަފުންނަށް ބިރު ދެއްކުމަކީ ކުންފުނީގެ މިއަދުގެ މެނޭޖްމަންޓް ދަންނަކަމެއްވެސް ނޫންކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޝުއޫރާއި ހިޔާލާއި ބުނާ ބުނުމަކީ ކުންފުނީގެ މެނޭޖްމަންޓްގެ ބަސް ނުވަތަ ކުންފުނިން ދެކޭ ގޮތް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން އެއްވެސް އަސްލެއް، އަސާސެއް ނެތި ކުންފުނީގެ މެނޭޖުމަންޓާއި ކުންފުނީގެ އަގު ވައްޓާލައި، ނަން ކިލަނބުކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ފެނަކައިގެ ނަން ބޭނުންކޮށްގެން ފައިދާ ހޯއްދަވަން ބޭނުންވާނަމަ އަހްލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯއްދެވުމަށްވެސް ފެނަކައިގެ ބަޔާނުގައި ތަކުރާރުކޮށް ވަނީ ހަނދާންކޮށްދީ ނަސޭހަތްތެރިވެފައެވެ.