ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިޔުއެސްސީން މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހަރަކާތްތަކެއް ބާއްވައިފިއެވެ.

މި ހަރަކާތް ފައްޓަވާ ދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރް އަބްދުލް ރަހްމާންއެވެ. ތިމާވެށިގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި "ނަލަ ވެށި" ޕްރޮގުރާމުގެ ދަށުން އިއްޔެ ހަވީރުވަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިިގެން ތިންވަނަ ދުވަހާ ހަމައަށް "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި ރައްޔިތުން ހޭލުން ތެރިކުރުމުގެ ހަރަކާތްތަކެއްވަނީ ހިންގާފައެވެ. އަދި ކައުންސިލާ ރައްޔިތުން ގުޅިގެން ކުނި ގިނަ ސަރަހައްދުތަކާ ގޮނޑުދޮށްތައްވަނީ ސާފުކޮށްފައެވެ.

މިކަމުގައި އެ ރަށުގެ 20 އަށް ވުރެ ގިނަ ޖަމިއްޔާތަކާ އިދާރާ ތަކުން ބައިވެރިވެފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އަދި ސުކޫލު ކުދިންނަށް ހާއްސަކޮށްގެން ސުކޫލްތަކުގައި ކިޔަވަމުން އަންނަ ތުއްތު ކުދިންނަށް އަމާޒުކޮށް، ފެން އިސްރާފު ނުކުރުމަށާއި ސާފު ބޯފެނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، "ފެން ފިޔެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވައިފައިވެއެވެ.

މީގެ އިތުރުން ނަލަ ވެށި ކެމްޕޭންގެ މަގުސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނިއެވެ.