ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާއަށް ބަންދުގެ ލުޔެއް ދެވެން ނެތް ކަމަށް ނިންމައިފިއެވެ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ނަރުހުންގެ ވަޒީފާ އަދާކުރަމުންދިޔަ ފިލިޕިންސްގެ ދެމަފިރިންގެ ތެރެއިން މޭރީ ގްރޭސް މަރާލި މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްއައި ގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ
- އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން
- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
- ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ
މި މައްސަލައިގައި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި މިއަދު ހަތަރު މީހެއްގެ ހެކިބަސް ނެގިއެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަދި ބާކީ 50 އެއްހާ މީހުންގެ ހެކިބަސް ނެގުން އެބަ އޮތް ކަމަށް އަޑުއެހުން ކުރިއަށް ގެންދެވި ގާޒީ ވަނީ ވިދާޅުވެފައެވެ.
ހެކިބަސް ނަގައި ނިންމުމަށްފަހު، 100 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްދިނުމަށް އޭނާގެ ވަކީލުން ހުށަހެޅިއެވެ. އެހެން ނަމަވެސް ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން ގާޒީ ކުރިން ނިންމެވި ސަބަބު އަދިވެސް އޮތުމުން ބަންދަށް ލުޔެއް ދީފައެއް ނުވެއެވެ.
މީގެ ކުރިން ލަމްހާ ފާހަގަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި، އޭނާގެ މައިބަދައިގެ ޑިސްކެއްގައި ރެނދެއް ލާފައިވާތީ "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ލަފާ ދީފައިވާއިރު، ޖަލުގައި އުޅޭއިރު، ޖެހެނީ ކުދިކުދި ކަންކަންވެސް ކޮށްދޭނެ މީހެއްގެ އެހީ ނެތި ހުރިހާކަމެއްވެސް އަމިއްލައަށް ކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފެން ބޭނުންކުރަން ދީފައި އޮންނަ ދެ ފޫޓު ހަމަވާ ވަރުގެ ހޮޅިން ފެން ބޭނުންކުރަން ދަތި ކަމަށް ލަމްހާ ވަނީ ކޯޓުގައި ހާމަކޮށްފައެވެ. އަދި ޖަލުތެރޭގައި ފެންބޭނުންކުރަން ދީފައި އޮންނަ އެހޮޅިއާ ގުޅުވައި ލަމްހާއަށް އެކިކަހަލަ ނަންނަމުން ގޮވުމައި އޭނާއާ ބެހޭ ގޮތުން ސޯޝަލް މީޑިޔާގައި ވާހަކަދައްކާގޮތުން ނަރުސްމީހާގެ ގާތިލުގެ ގޮތުގައި އޭނާ ސިފަކުރާ ކަމަށެވެ.
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅައިފައެވެ. ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.