ބާވީސް ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާނެ ސާމާނު ހޯދަން ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި ކުންފުންޏަކީ ސޯ އިންޖީނިއަރިން ޕްރައިވެޓް ލިމިޓަޑްއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ސޯ އިންޖީނިއަރިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ބަނޑުލު ޖަޔަރަތުނައެވެ.ސޯ އިންޖީނިއަރިން ޕްރައިވެޑް ލިމިޓެޑްއާ މިނިސްޓްރީގެ ފަރާތުން ކުނި މެނޭޖުކުރާ ސާމާނު ހޯދަން ހަވާލުކޮށްފައިވަނީ މ، ފ، ދ، ތ އަދި ލ. އަތޮޅުގެ ހިމެނޭ ގޮތަށް 22 ރަށަކަށެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 7.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މިއެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ސާމާނުތަކުގެ ތެރޭގައި މަލްޓިޕާޕަސް މިނީ ބޭލާ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝާ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކިވަރުގެ ޑަސްބިން، ޕީޕީއީ ކިޓް އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭއެވެ.

މި ތަކެތި ހަތަރު މަސް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރާ ހަވާލުކުރަންޖެހޭކަމަށް ބުންޏެވެ."މި މިނިސްޓްރީގެ ތަސައްވުރަކީ މި މަޝްރޫއުތައް ނިމިގެންދާއިރު، މި ރަށްތަކަކީ ރަށު ފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރުމަށް ގާބިލު ރަށްތަކަކަށް ވެގެންދިއުމެވެ.

މި އެއްބަސްވުމުގައި މިއަދު މި ސޮއި ކުރެވުނު މަޝްރޫއުގެ ސަބަބުން، ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ އަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރިޑިއުސްކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ" މިނިސްޓްރީން ބުންޏެވެ.މީގެއިތުރުން ބުނީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެހީދޭ ފަރާތްތަކުގެ އެހީއާއެކު ކުނި މެނޭޖުކުރުމުގެ ސާމާނު ފޯރުކޮށްދޭން މަސައްކަތްކުރާ ކަމަށް މިނިސްޓަރީއިން ވަނީ ހާމަކޮށްފައެވެ.

މިހާރު ރަށްރަށުގެ ކުނި އުފުލާ އުޅަނދު ހޯދުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ މަސައްކަތް ނިމެންވާއިރު ހުރިހާ ރަށަކަށްވެސް ކުނި ނަގާ އުޅަނދެއް ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.