1444 ވަނަ އަހަރު ދިވެހިރާއްޖެއިން ވަޑައިގަންނަވާ ޙައްޖުވެރިންނަށް ޚިދުމަތްދޭ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކޮށްފިއެވެ

މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ”އަލް ބައިތު ގެސްޓްސް”ގެ މައި އޮފީހުގައެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، މީނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުން ކަމަށެވެ. އަދި ކުރީ އަހަރުތަކުގައި ދެވުނު ޚިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެވިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވަމުން ” އަލްބައިތު ގެސްޓްސް” ގެ މެނޭޖިންގ ޑިރެކްޓަރ އުސާމާ ޢަބްދުﷲ ދާނިޝް ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މިނާ އަދި ޢަރަފާތުގައިވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި ކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.

މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަން ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.