ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު ސްރީލަންކާގެ ކޮލަންބޯއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު ލަންކާއަށް ވަޑައިގެންފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގައި މިއަދު ބާއްވާ ރާއްޖެ-ލަންކާގެ ހަތަރު ވަނަ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ދަތުރުގައި، މިނިސްޓަރު އަބްދު ﷲ ޝާހިދު ވަނީ އެ ގައުމުގެ ބޮޑު ވަޒީރު، ޑިނޭސް ގުނަވާޑެނާގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސްބަރީއާވެސް ބައްދަލުކުރައްވަން ހަމަޖެހިފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ އަޙްމަދު ލަޠީފާއި، ސެކްރެޓަރީ، އިކޮނޮމިކް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ޑޮކްޓަރ ޙުސައިން ނިޔާޒާއި، ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެ-ލަންކާ ޖޮއިންޓް ކޮމިޝަން އުފައްދާފައިވަނީ 1984 ވަނަ އަހަރުއެވެ. އެ ކޮމިޝަންގެ މައިގަނޑު ބޭނުމަކީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމެވެ.