ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެންބަރުންގެ ސޮޔާއެކު މިއަދު މަޖިލިހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން ގާނޫނު އަސާސީ އާއި ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމިކަން ވަނީ އިއުލާނުކޮށްފައެެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، ސަރުވަންނަ މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގައި، ނަޝީދު ހިމެނިވަޑައިގަންނަވާހެން ތިއްބަވަނީ ސަވަންނަ(56) މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ސޮއިނުކުރާ މެންބަރުންވެސް އެބަތިއްބެވިއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި ސަތާހި(87) މެންބަރުންގެ ތެރެއިން ބާވީސް(22) މެމްބަރުންގެ ސޮޔެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ މިހާރު ތިއްބެވި ޖުމުލަ މެންބަރުންގެ ތެރެއިން ސައުރަޔާޅީސް(44) މެންބަރުންނެވެ.

ނަޝީދު ވަކިކުރަން ނިންމެވި ސަބަބުތައް ބަޔާން ކުރައްވައި އިއްޔެ އަސްލަމް ވިދާޅުވީ މިހާރު ރައީސް ނަޝީދު އަމަލުކުރައްވާ ގޮތާ ގުޅިގެން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

"އޭޖީގެ އިތުބާރުގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމުންތަކާއި އެ މައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަށް ކަންތައްވަމުން ދިޔައީ ރިޔާސަތުން އަމަލުކުރާ ގޮތުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވިއެވެ.

ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގައި ކަމަށާއި ރިޔާސަތުން އަމަލުކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދު ގާނޫނާއި ގަވައިދުތައް މާނަކުރައްވަނީ އެމަނިކުފާނު ހިތުހުރި ގޮތަކަށް ކަމަށެވެ. އެއީ އެ މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދަވާ އަމަލުތަކެއް ކަމަށްވެސް ވިދާޅުވިއެވެ. ފަހަކަށް އައިސް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިކަން ވަރަށް ބޮޑަށް ވަނީ ފާހަގަވެފައި ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ވެސް އެމްޑީޕީގެ މެމްބަރުން ވަނީ އަޑުގަދަކޮށްފައެވެ.