ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަންގައި ސޮއި ކޮށްފައި ނުވާ މެންބަރުންނަކީ ކޮބައިކަން ހާމަވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ނަޝީދު ހިމެނިވަޑައިގަންނަވާހެން ތިއްބަވަނީ 56 މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ނަޝީދު ވަކިކުރަން ސޮއިކޮށްފައި ނުވަނީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. އެނގިފައިވާ ގޮތުގައި ސިރާޖު މި ވަގުތު ރާއްޖޭގައި ނޫޅުއްވައެވެ.
ރައީސް ނަޝީދު ސިޔާސީ މަސައްކަތް ފެއްޓެވީއްސުރެ އެ މަނިކުފާނުގެ ގާތް އެކުވެރިއެއް ނަމަވެސް ދޮންބިލެތް ހަލީމް ވަނީ ދާދިފަހުން ރައީސް ސޯލަށް ތާއީދުކުރައްވާކަން އިއުލާން ކުރައްވައިފައެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާއެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ), ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
ކުރީގެ ރައީސް ނަޝީދު ގާނޫނުއަސާސީއާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމިކަން އެމްޑީޕީން އިއުލާން ކުރީ އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަދި މިއަދު 54 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.