އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރަތައް މިއަދު ފަށައިފިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާޢީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ މަޝްވަރާއެއް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދުގެ މުސްތަގުބަލަށް އެޅުނު ވަރަށް މުހިން ފިޔަވަޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ޑިއުޓީއަކާ ނުލައި ދިވެހި މަހުގެ އުފެއްދުންތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމުފިޔަވަޅު ކަމަށެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އިނގިރޭސިވިލާތް ފަދަ ޤައުމަކާއެކު ކުރުން އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. ސަބަބަކީ ރާއްޖެއިން އެގައުމަށްކުރާ އެކްސްޕޯޓުމަދުވެފައި އެގައުމުން ރާއްޖެއަށް ގެންނަމުދާ ވެސް މަދުވުން ކަމަށެވެ. އެފަދަ ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ފެށުމަކީ ދިވެހި މަސްވެރިކަމަށް ލިބިގެންދާނޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްވަރާއަކީ އެތައް ދުވަހެއްގެ މަސައްކަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބުރަ މަސައްކަތަށްފަހު މިއަދު މިކަން ހާސިލް މިވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިކަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުރު ވަރަށް ބޮޑު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވ.