އިނގިރޭސި ވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްވުމުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާނޭކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަލިނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ އެއްބަސްވުމެއްގެ ސަބަބުން މިފްކޯގެ ޙާލަތު ރަނގަޅުވެގެންދާނޭ ކަމަށެވެ. އޭގެ އިތުރަށް އެކުންފުނި ނަގަހައްޓަން ޓެކްސް ޕޭޔަރުންގެ ފައިސާއިން ދައުލަތުން ކުރާ ހޭދަ ވެސް ކުޑަވެގެންދާނޭ ކަމަށް ވިދާޅުވިއެވެ. މިފަދަ އެއްބަސްވުމުގެ ސަބަބުން މަސްވެރީންގެ އަތުން މަސް ގަންނަ އަގަށްވެސް ރަނގަޅު ބަދަލެއް އާންނާނޭ ކަމުގެ އުފާވެރި ޚަބަރު މިނިސްޓަރ ފައްޔާޒު ދެއްވިއެވެ.

މި އެއްބަސްވުމެއްގެ ސަބަބުން ރައްޔިތުންނަށް ލިބޭނޭ ފައިދާތަކުގެ ތެރޭގައި "މަހަށް ރަނގަޅު އަގު ޔޫކޭ މާކެޓުން ލިބުމުން މިފްކޯގެ ހާލަތު ރަނގަޅުވެ ދައުލަތުން ޓެކްސް ޕޭޔަރުންގެ ފައިސާއިން ކުންފުނި ހިފެހެއްޓުމަށް ކުރާ ހޭދަ ކުޑަވުން. އަދި މަސް ގަންނަ އަގަށް ރަނގަޅު ބަދަލު އައުން،" ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރީން އެކަމާބެހޭ މަޝްވަރާތައް މިއަދު ވަނީ ފަށައިފައެވެ. މިފަދަ މަޝްވަރާއެއް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދުގެ މުސްތަގުބަލަށް އެޅުނު ވަރަށް މުހިން ފިޔަވަޅެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި މަޝްވަރާތަކަށްފަހު ކުރިއަށްއޮތް ތިނެއް ނުވަތަ ހަތަރު މަސްތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވޭވަރުވާނޭ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އިނގިރޭސިވިލާތް ފަދަ ޤައުމަކާއެކު ކުރުން އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. ސަބަބަކީ ރާއްޖެއިން އެގައުމަށްކުރާ އެކްސްޕޯޓުމަދުވެފައި އެގައުމުން ރާއްޖެއަށް ގެންނަމުދާ ވެސް މަދުވުން ކަމަށެވެ. އެފަދަ ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ފެށުމަކީ ދިވެހި މަސްވެރިކަމަށް ލިބިގެންދާނޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު މިކަން ހާސިލް މިވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.