ސައުދީ އަރަބިއްޔާއާއި ޔޫއޭއީ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންއާއަށް ބޮން އަޅައިފިއެވެ.

ކޯލިޝަންގެ މަތިންދާ ބޯޓުތަކުން ސަންއާއަސް ބޮންއަޅާފައި މިވަނީ، ޔަމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަދަންގެ މައި އެއަރޕޯޓްގައި ބާރުގަދަ އެއްޗެއް ގޮއްވާލުމާ ގުޅިގެން އެކަމުގެ ރައްދުގައި ކަމަށެވެ.

އަދަންގެ މައި އެއަރޕޯޓްގައި ރޭ ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން 26 މީހުން މަރުވެ، އިތުރު އެތައްބަޔަކު ޒަޚަމްވިއެވެ.

އެއަރޕޯޓްގައި އެއްޗެއް ގޮއްވާލާފައިވަނީ ޔަމަނުގައި އަލަށް އެކުލަވާލެވުނު ގުޅިފައިވާ ސަރުކާރުގެ ވެރިރަށް އެއަރޕޯޓަށް ފޭބިތާ މާ ގިނައިރެއް ނުވަނީހެވެ.

އޭގެފަހުން އަދަންގައި ހުންނަ މައާޝިގް ރިޔާސީ ގަނޑުވަރު ކައިރިންވެސް ބާރުގަދަ އެއްޗެއް ގޮއްވާލިއަޑު އިވިފައި ވެއެވެ.

އެވަގުތަކީ، ސައުދީ އަރަބިއްޔާގެ މަދަދުގައި އުފެއްދި ގުޅިފައިވާ ސަރުކާރުގެ ބޮޑުވަޒީރު މައީން އަބްދުލްމާލިކާއި، ސައުދީން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ މުހަންމަދު ސައީދު އަލްޖާބިރު، އެއަރޕޯޓަށް ދެވުނު ހަމަލާގެފަހުން އެ ގަނޑުވަރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ވަގުތެވެ.

އެއަރޕޯޓަށް ދެވުނު ހަމަލާގައި ކެބިނެޓް އެއްވެސް ވަޒީރަކަށް ކަމެއް ނުވާކަން ބޮޑުވަޒީރު މައީން އަބްދުލްމާލިކް ވިދާޅުވެފައި ވެއެވެ.

މި ސަރުކާރަކީ، ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ރައީސް އަބްދް-ރައްބު މަންސޫރު ހާދީގެ ސަރުކާރާއި، ޔަމަނުގެ ދެކުނުގައި ވަކިވެގަތުމަށް ހަނގުރާމަކުރާ އެސްޓީސީ، ސައުދީ އަރަބިއްޔާގެ މަސައްކަތުން އެއްގަލަކަށް އަރުވައިގެން އުފެއްދި އެއްބައިވަންތަކަމުގެ ސަރުކާރެކެވެ.

އެމީހުން ޔަމަނުގެ ދެކުނުގައި ވެރިކަންކުރާ އިރު، ޔަމަނުގެ ވެރިރަށް ސަންއާއާއި، ޔަމަނުގެ އުތުރު އޮތީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައެވެ.

ހޫޘީ ޖަމާއަތުން ހިންގާ އަލްމާސިރާ ޓީވީން ބުނެފައިވަނީ، ކޯލިޝަނުން ބޮން އެޅީ ހޫޘީންގެ ދެ ތަނަކަށް ކަމަށެވެ. ނަމަވެސް، އެއްވެސް މީހަކަށް ކަމެއްވީ ކަމެއް ނުބުނެއެވެ.

އަދަންގެ އެއަރޕޯޓަށް ހަމަލާދިންކަމަށް ހޫޘީންވަނީ ދޮގުކޮށްފައެވެ. ބުނެފައިވަނީ، އެކަމުގައި އެމީހުންގެ އަތެއް ނުވާކަމަށެވެ.