ދައުލަތައް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދު ﷲ ޖަމީލް އަވަހާރަވެއްޖެއެވެ.

ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެކި ވުޒާރާ ތަކުގައި ވަޒީރުކަން ކުރައްވާފައިވާ އަބްދު ﷲ ޖަމީލް އަވާހަރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގައެވެ. ޖަމީލް އަވަހާރަވެފައިވަނީ އަލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ.

އެމަނިކުފާނު އަދާކުރެއްވި މަގާމްތަކުގެ ތެރޭގައި ހެލްތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހައުސިން މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ހިމެނެއެވެ. އަދި އެންމެ ފުރަތަމަ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްކަން ވެސް ކޮށްފައިވއެވެ.

މީގެއިތުރުން އެމަނިކުފާނު އަދާކުރެއްވި އިތުރު މަގާމްތަކުގެ ތެރޭގައި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހިމެނެއެވެ. އެގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަންވެސް 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވާފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލިހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވާފައިވެއެވެ. 10 ނޮވެންބަރު 2008 ވަނަ އަހަރުގައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާކަަން އަބްދު ﷲ ޖަމީލްއަށް އަރުއްވާފައިވެއެވެ.

އެމަނިކުފާނު އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.