އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ގަންނަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބާރްހިމް އަމީރު ސޮއިކުރައްވާ މިއަދު އާންމު ކުރެއްވި "މާލިއްޔަތާ ބެހޭ ޤަރާރު"ގައި ބުނަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އުފައްދާފައިވާ ވެކްސިން ގަތުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައި ވަނީ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ"އާ ދެމެދު ކަމަށެވެ. އެ ކުންފުންޏަކީ އޮކްސްފޯޑާ ގުޅިގެން ވެކްސިން އުފައްދާ ފާމަސޫޓިކަލް ކުންފުންޏެވެ.

ފިނޭންސް މިނިސްޓަރު މިއަދު އެ ގަރާރު ނެރުއްވީ ކޮވިޑް-19ގެ ވެކްސިނަކީ ވަކި ބައެއްގެ އަތުން ގަންނަން ލިބޭ އެއްޗަކަށްވުމާއި ވެކްސިން ދޫކުރަނީ ހާއްސަ ޕްރޮކިއުމަންޓް އުސޫލުތަކެއްގެ ދަށުން ކަމަށް ވާތީ ވެކްސިން ގަތުމުގެ މަސައްކަތްތަކުގައި މާލިއްޔަތު ގަވާއިދުގައި ބުނާ ބައެއް އުސޫލުތަކަށް އަމަލުކުރުން ނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ ގޮތުންނެވެ.

ވެކްސިން ހޯދުމަށް އެއްބަސްވުމުގައި ސޮއިކުރަން ނިންމުމާއެކު އަމަލު ކުރަން ނުޖެހޭގޮތަށް ނިންމި މާލިއްޔަތު ގަވައިދުގެ މާއްދާތަކަކީ:

(ހ) މާލިއްޔަތު ގަވައިދުގެ 10.43

(ށ) މާލިއްޔަތު ގަވައިދުގެ 10.52

(ނ) މާލިއްޔަތު ގަވައިދުގެ 10.67

(ރ) މާލިއްޔަތު ގަވައިދުގެ 10.71

އެ މާއްދާތައް ސަސްޕެންޑް ކުރުމުން މާލިއްޔަތު ގަވައިދުގައިވާ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލު ކުރާކަން ނުޖެހޭނެ އެވެ.

ގަރާރުގައިވާ ގޮތުގައި މި މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާ އާއެކު ސޮއިކުރާ އެއްބަސްވުމާ ގުޅޭގޮތުން، އެ އެއްބަސްވުމުގެ މުއްދަތަށެވެ.

އެއްބަސްވުމުގެ މުއްދަތުގައި އަމަލު ކުރާނީ އެއްބަސްވުމުގައި ބުނާ ކަންތައްތަކަށް ކަމަށް ނިންމައި އެކަން އިއުލާން ފިނޭންސް މިނިސްޓަރު ވަނީ އިއުލާން ކުރައްވާފަ އެވެ.

މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓަނަލް އޮޑިޓެއް ފިނޭންސް އިން ކުރިއަށް ގެންދާނެކަން ފާހަގަކޮށް އެ ހަރަދުތައް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ވެސް މިނިސްޓަރު އަމީރު ވަނީ އަންހގަވާފަ އެވެ.