71 ވަނަ 'މިސް ވޯލްޑް 2023'، ދުނިޔޭގެ ރީތީގެ ރާނީ ހޮވާ މުބާރާތް އިންޑިއާގައި ބޭއްވުމަށް ނިންމައިފިއެވެ.
އިންޑިޔާގައި މީގެ ކުރިން ވެސް މިސް ވޯލްޑް މުބާރާތް ބާއްވާފައިވެއެވެ. 1996 ވަނަ އަހަރު މިސް ވޯލްޑް އިންޑިއާގައި ބޭއްވުނު ފަހުން މިއަހަރު އަނެއްކާވެސް އޭގެ ހަތާވީސް އަހަރުފަހުން، މިމުބާރާތް އިންޑިއާގައި ބާއްވާ ގޮތަށް މިވަނީ ހަމަޖެހިފައެވެ. 1996 އަހަރު ރީތީގެ ރާނީއަކަށް ހޮވުނީ މިސް ގްރީކް އަރީންސްކްލީވާ އެވެ.
މިއަހަރުގެ މިސް ވޯލްޑް މުބާރާތުގައި 130 ގައުމަކަށް ނިސްބަތްވާ ބައިވެރިން ދުނިޔޭގެ ރީތީގެރާނީ ތާޖަށް ވާދަކުރާނެއެވެ.
އިންޑިއާގައި އެންމެ ފުރަތަމަ މިސް ވޯލްޑް މުބާރާތެއް ބޭއްވީ ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބް ބައްޗަންގެ ޕްރޮޑަކްޝަން ހައުސް އެބީސީއެލް ދަށުންނެވެ. މި އަހަރުގެ މިސް ވޯލްޑް ޕޭޖެންޓް ހުށައަޅަނީ ސިނީ ޝެޓީ އެވެ.
މިސް ވޯލްޑްގެ ތާޖު އިންޑިއާ އިން ވަނީ ހަ ފަހަރަށް ކާމިޔާބު ކޮށްފައެވެ. މިސް ވޯލްޑް މުބާރާތް ކާމިޔާބު ކުރި ތަރިންގެ ތެރޭގައި ރެއިތާ ފާރިއާ، ޑަޔާނާ ހައިޑްން، ޔުކްތާ މޫކްތީ، އައިޝްވަރްޔާ ރާއި ބައްޗަން، ޕްރިޔަންކާ ޗޯޕްރާ އަދި މަނޫޝީ ޗިލާ ހިމެނެއެވެ.
މިސް ވޯލްޑްގެ ޗެއާޕާސަން އަދި މިސް ވޯލްޑް ޖަމްއިއްޔާގެ ސީއީއޯ ޖޫލިއާ މޯލޭ ބުނިގޮތުގައި އިންޑިއާ ފަދަ މުއްސަނދި ސަގާފަތެއް އޮތް ގައުމެއްގައި މިތާރީހީ މުބާރާތް ބޭއްވުމުގެ ޝަރަފު ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން އިންޑިއާ އަށް އައިރުވެސް އެންމެ ފުރަތަމަ ފާހަގަވި ކަމަކީ އިންޑިއާގައި އޮތް މުއްސަނދި ސަގާފަތްކަމަށް ޖޫލިއާ ބުންޏެވެ. ހަމައެހެންމެ އިންޑިއާއަށް އެކުރި އެންމެ ފުރަތަމަ ޒިޔާރާތުން ވެސް އިންޑިއާ ދެކެ އޭނާއަށް ލޯބިވެވުނުކަމަށް ޖޫލިއާ ބުންޏެވެ.
"މިސް ވޯލްޑް" މުބާރާތަކީ 'ބިއުޓީ ވިތު އަ ޕާޕަސް'('Beauty with a Purpose') ގެ މޮޓޯއާ އެކު 1951 ވަނަ އަހަރު އެރިކް މޯލީ އުފެއްދި އަދި މިއަދާ ހަމައަށްވެސް މެދުނުކެނޑި ކުރިއަށްދާ އެންމެ ދުވަސްވީ ބައިނަލްއަގްވާމީ ރީތީގެ މުބާރާތެވެ.
ބައިނަލްއަގްވާމީ ރީތީގެ އެންމެބޮޑު ހަތަރު މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ މިސް ޔުނިވާސް، މިސް އާރތް، އަދި "މިސް އިންޓަނޭޝަނަލް" އަދި މިސް އިންޑިޔާއެވެ. މި ލަގަބު ދީފައިވަނީ ތަސައްވުރާއި، ރީތިކަމާއި، ބުއްދިއާއި، ވިސްނުން ތޫނުކަމާއި، ބުރަ މަސައްކަތާއި، ނާޒުކުކަމާއި، ޝަހުސިއްޔަތުގެ މައްޗަށެވެ. އެރިކް މޯލީ 2000 ވަނަ އަހަރު މަރުވުމަށްފަހު، މިސް ވޯލްޑް އޮގަނައިޒޭޝަންގެ ޗެއާމަންގެ މަގާމާ އޭނާގެ އަންހެނުން ޖޫލިއާ މޯލީ ވަނީ ހަވާލުވެފައެވެ.