ނ. މަނަދޫ އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 23 އަހަރުގެ އަހުޒަމް އަބްދުއްޝުކޫރު ގެ ބަންދަށް އިތުރު ފަސް ދުވަސް އަދި 21 އަހަރުގެ ރިފާޝް އަބޫބަކުރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މާލެއިން ނައީމާގެ މަރުގެ މައްސަލައިގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ މާލެއިން ހައްޔަރުކުރި 21 އަހަރުގެ ހަސަން ފަވާޒުގެ ބަންދަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ 30 ދުވަސް ޖަހައިފައެވެ.
އެކަނި ދިރިއުޅުން ވޭތިކުރަމުން ދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގައެވެ. ނައީމާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަންއިރު ފެނުނީ ލެއިން ތަތްތެޅިފައި ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. ނައީމާގެ ހަށިގަނޑުގައި ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަމަށްވެއެވެ.
މިމަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އަހުޒަމް އަދި ރިފާޝް އަބޫބަކުރެވެ. ފުރަތަމަ އަހުޒަމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭނާ ދިރިއުޅޭ ކޮޓަރިން 50 ގްރާމްގެ ޑްރަގު ފެނުނު މައްސަލައިގައި ބަންދަށް ޖެހީ ތިން ދުވަހެވެ. އޭގެ ފަހުން، އޭނާގެ ބަންދުގެ 14 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ އަށްވަނަ ދުވަހަށެވެ.
އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް އަހުޒަމް ވަނީ ފާރައަށް ރިފާޝް ބަހައްޓާފައެވެ. ނައީމާގެ ގެއަށް އެދެމީހުން ގެންގޮސްދިނީ ކާރެއްގައި ފަވާޒެވެ. ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.
އަހުޒަމް ކުށަށް އިއުތިރާފުވެ، ކިޔައިންދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅިއާއި އެ މީހުން ލައިގެން ތިބި އަންނައުނު އެންދުމަށްފަހު ފޮރުވަން ވަޅުލާފައިވާ ތަނުން އެތަކެތި ވަނީ ނަގައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން އިތުރު މައުލޫމާތުތަކެއް އަދި ހާމައެއް ނުކުރެއެވެ.