މާލެ ސަރަހައްދުގައި ތިބި ފަގީރުންނާއި މިސްކީނުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވަނީ، ހުޅުމާލެ އާއި މާލެގެ އިތުރުން ވިލިނގިލީގައި ތިބި ފަގީރުންނާއި މިސްކީނުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާކަމަށެވެ.\

މިކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން އޮންނާނީ ބަންދު ނޫން ދުވަސް ތަކުގައި ހެނދުނު 9:00 އިން 12:00 އަށް މިނިސްޓްރީގެ އޮފީހުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި 65 އަހަރު ފުރޭ ނުވަތަ ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުން ކަމަށެވެ.

މީގެއިތުރުން އަލުން ރަޖިސްޓްރީވާން ޖެހޭނީ މާލެގައި މިހާރު ނޫޅޭ މީހުންނާއި، ދަފްތަރުގައި ރަޖިސްޓްރީ ފަހުން ކައިވެނިއަށް ބަދަލު އައިސްފައިވާ މީހުންނަށެވެ. އަދި ވަޒީފާ ލިބުމުގެ ސަބަބުން ބަދަލު އައިސްފައިވާ މީހުންވެސް ހިމެނެއެވެ.

މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.