ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޓެންޓެއް ހިންގާ އަންހެނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޓެންޓު ހިންގަން މެދުވެރިވީ ދުއްވާފައި ދިޔަ މީހާގެ ކުރިމައްޗައް ބުޅަލެއް އެރުމުން އޭގެ މައްޗަށް އެރިގެން ކަމަށެވެ. މިކަމުގެ ސަބަބުން ބުޅާ ވެސް ވަނީ މަރުވެފައިކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުވައްމުލަކު ދަނޑިމަގު އަވަށުގެ ނައިބުތުއްތު މަގުގައި ހިނގި މި އެކްސިޓެންޓުގައި އަނިޔާވެފައިވަނީ އަންހެން މީހާގެ ބޮލަށެވެ. އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ދަރިފުޅަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަންހެން މީހާއަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އޭނާ މާލެއަށް އިތުރު ފަރުވާއަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.