"ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" ހުޅުވިފަހުން އެތަނުގެ މަތީން ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެތަން ހުޅުވައި ޚިދުމަތް ދޭން ފެށުމުން މުވައްޒަފުންނަށް ލިބެންފެށި ފަސޭހަކަމާއި ހިތްހަމަޖެހުމުގެ ވާހަކައިގެ އަޑެއް މަޑެއް ނުވެއެވެ.

އެތަނުގެ ވާހަކަ ދައްކާނީ އެތަނުގެ ޚިދުމަތުގެ ފެންވަރު ދަށްނަމަތާއެވެ. ބެލެނިވެރީންގެ ޝަކުވާއެއް އޮތްނަމަތާއެވެ. މިހާރު ބިދޭސީއެއްގެ އަތްމައްޗަށް ދަރީން ދޫކޮށްލާފައި އޮފީހަށް ދާކަށް ނުޖެހެއެވެ. ދަރީން އެތިބެނީ އަތްފޯރާ ފަށުގައެވެ. ލޮލުން ބަލައިލެވޭ ހިސާބުގައެވެ. އެހެންވީމާ މައިންބަފައިންނަށް ސިކުނޑިއަށް ބުރަކަމެއްނެތި މަސައްކަތް ކުރެވޭނެތާއެވެ.

މިއީ ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދީ، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ގާއިމް ކުރި ތަނެކެވެ. މި ސެންޓަރަކީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގްސަދުގައި ގާއިމްކުރި ތަނެކެވެ.

ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައި ތަރައްގީކޮށްފައިވާ މި ސެންޓަރަކީ ޢުމުރުން ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ކޮށްގެން ހިންގާ ތަނެކެވެ. އެ ތަން ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސް ދުވަހު ހެނދުނު އަށްގަޑި ފަނަރައިން ހަވީރު ހަތަރަކަށެވެ.

އެ ސެންޓަރުން އެތައް ކުދީންނެއް މިހާރު ގެންދަނީ ޚިދުމަތް ހޯދަމުންނެވެ. ޚިދުމަތް ދޭން ތިބީވެސް އާދައިގެ ބައެއް ނޫނެވެ. އެއީ ޚާއްސަ ތަމްރީންތައް ހަދައި ގާބިލްކަން ހޯދައިފައިވާ ހުނަރުވެރީންނެވެ. "ވަރަށް ރަނގަޅު ފީޑުބެކް ލިބެމުން ދަނީ މި ސެންޓަރަށް. އެންމެން ވެސް ބުނަނީ ވަރަށް ސަޅިކަމަށް. މިފަދަ ފީޑުބެކްތަކަކީ ތަން އިތުރަށް ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް. އިރާދަކުރެއްވިއްޔާ މިތަން މިހާރަށްވުރެވެސް ރަނގަޅު ކުރެވޭތޯ މަސައްކަތް މިކުރަނީ،" ސްޓެލްކޯގެ އިސް ބޭފުޅަކު ވިދާޅުވިއެވެ. މިހާރުވެސް އެތަން ތައްޔާރުކޮށްފައިވަނީ ކުދިން ވަރަށްގަޔާވާ އަދި އެކުދިންނާ ރައްޓެހި އެހާމެ ރައްކާތެރި މާޙައުލަކާއެކުގައެވެ.

މިސަރުކާރުން މިފަދަ ސެންޓަރުތަކެއް އަޅާފައި ދޫކޮށްލީއެއް ނޫނެނެވެ. ރައީސުލްޖުމްހޫރިއްޔާ މީގެ ކުރީން ވަނީ ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތް ހަމަޖައްސަވައިދެއްވައިފައެވެ. އޭގެ އިތުރުން ކޮންމެ ބައްޕައަކަށް މުސާރައާއެކު އެއް މަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ވެސް ހައްދަވައި ދެއްވައިފައެވެ.

މި ލުޔާއެކު ސްޓެލްކޯ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ އުފަލުންތިބެއެވެ.