ޗައިނާގެ މުސްލިމުން ގިނަ ޘިންޖިއާންގ ޕްރޮވިންސްގައި ސަރުކާރުން 2018 ވަނަ އަހަރު ތަޅާލި މިސްކިތެއް ފާޚާނާއަކަށް ބަދަލުކޮށްފިއެވެ.

ރޭޑިއޯ ފްރީ އޭޝިއާއިން ރިޕޯޓްކޮށް އެމީހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި މިސްކިތަކީ، ޝިންޖިއާންގެ އަޓޫޝް ނުވަތަ ޗައިނާ ބަހުން ކިޔާ ގޮތުންނަމަ އަޓޫޝީ ސިޓީގައި އޮންނަ ސުންތަގާ ވިލެޖްގެ މިސްކިތެކެވެ. މިމިސްކިތުގެ ނަމެއްކަމަށް ބުނެފައިވަނީ ޓޯކުލް މިސްކިތެވެ.

ރޭޑިއޯ ފްރީ އޭޝިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމިސްކިތުގެ ވާހަކަ ރިޕޯޓް ކުރިއިރު، “މީގެ ދުވަސްކޮޅެއް ކުރިން މިހިސާބުގައި އެހެން ދެ ތިން މިސްކިތެއްވެސް ވަނީ ތަޅާލާފައެވެ.”

މިސްކިތްތައް އިސްލާޙުކުރުމުގެ ނަމުގައި ޗައިނާގައި ހިންގާ ޕްރޮގްރާމަކީ 2016 ވަަނަ އަހަރުން ފެށިގެން ހިންގަމުން ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން މިސްކިތްތަކުގެ ގުއްބުތައް ތަޅާލުމާއި މުންނާރުތައް ކުރުކުރުމާއި ޑިޒައިނަށް ބަދަލުކޮށް، އެއިން އިސްލާމީ ޝަޚުސިއްޔަތު ގެ ބަދަލުގައި ކުންފޫޝިއަސް ސްޓައިލް ފެންނަ ގޮތަށް ބަދަލު ގެނައުން ހިމެނެއެވެ.

ރޭޑއިޯ ފްރީ އޭޝިއާއިން ބުނާ ގޮތުގައި ޝީ ޖިންޕިންގ2017 އެޕްރީލް ގަައި ޝިންޖިއާން ޕްރޮވިންސްގައި ފެއްޓެވި މަސައްކަތުގައި އެ ޕްރޮވިންސްގެ އަސްލު ވަޒަންވެރިންކަމަށްވާ އުރިގޫރު މުސްލިމުންގެ 1.8 މިލިއަން މީހުން ކޭމްޕްތަކުގައި ބަންދުކޮށްފައި ވެއެވެ. މިމީހުން ބަންދުކޮށްފައިވަނީ އުގަންނައި ދިނުމަށާއި ހުނަރު ދަސްކޮށްދިނުމަށް ކަމަށް ސަރުކާރުން ބުނެއެވެ.

އުރިގޫރު މުސްލިމުންގެ ހައްގަށް އަރައިގަންނަކަމަށް ތުހުމަތުކޮށް އެމެރިކާއިން ވަނީ މިކަމުގައި އުޅޭ ޗައިނާ މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.

ސުންޓަގާ ވިލެޖްއަކީ ކަފަގަސް ހެއްދުމާއި މޭބިސްކަދުރުގެ ދަނޑުވެރިކަން ކުރާ އަވަށެކެވެ. އެތާގައި 270 ހާސް މީހުން ދިރިއުޅެއެވެ.

ރޭޑިއޯ ފްރީއޭޝިއާއަށް ނަން ހާމަ ނުކޮށް އެދި އިންޓަރވިއުދިން އަޓޫޝީ ސިޓީގެ ނެއިބަހުޑް ކޮމިޓީގެ މެންބަރަކު ކިޔައިދުން ގޮތުގައި މިސްކިތް ފާޚާނާއަކަށް ބަދަލުކުރުމަށްފަހު ޗައިނާ ބަހުން ލިޔެފައިވަނީ މިތަން ބިނާކުރީ ހޭން ކޮމްރެޑުން ކަމުގައެވެ. ހޭންއަކީ ޗައިނާގެ ބައިބޯ ދަރިކޮޅެވެ.

މި ފާޚާނާ އަދި ހުޅުވާފައެއް ނުވެއެވެ. މަޢްލޫމާތު ދިން ފަރާތުން ބުނިގޮތުގައި މީހުންގެ ގޭގައި ފާޚާނާތައް ހުރެއެވެ. އަދި ފާާޚާނާއަކީ މި އަވަށުގައި ދަތިވެގެން މީހުންނަށް މައްސަލައަކަށްވެފައިވާ ކަމެއް ނޫނެނވެ.

ރައްޔިތުން ގެ ފަރާތުން މަޢްލޫމާތު ލިބިގެން ރޭޑިއޯ ފްރީ އޭޝިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި2019 ގައި ތަޅާލާފައިވާ އަޒްނާ މިސްކިތްވެސް މިހާރު ވަނީ ރަލާއި ސިގަރޭޓް ވިއްކާ މާޓަކަށް ބަދަލުކޮށްފައެވެ.

ޗައިނާއަށް އިސްލާމް ދީން އައިސްފައިވަނީ ވަނީ މީގެ އެއްހާސް އަހަރު ކުރިންނެވެ. ޗައިނާގެ މުސްލިމް އާބާދިއަކީ 22 މިލިއަން އެވެ. މިއިން ދެބައިކުޅަ އެއްބަޔަކީ އުރިގޫރު މުސްލިމުންނެވެ.

ޝިންޖިއާންގައި 1966 އާއި 1976 އާ ދެމެދު ހިނގި ކަލްޗަރަލް ރެވަލޫޝަންގެ ތެރޭގައި މިސްކިތްތަކަށް ކޮމިއުނިސްޓުން ބޮޑެތި ގެއްލުންތަކެއް ދީިފައި ވެއެވެ.

ރެޑިއޯ ފްރީ އޭޝީއާއިން ބުނާ ގޮތުގައި ޗައިނާއިން މިސްކިތްތައް އިސްލާހުކުރުމުގެ ނަމުގައި ހިންގި ޕްރޮގްރާމުގެ ކުރީކޮޅު ޝިންޖިއާންގެ 70 އިންސައްތަ މިސްކިތްތައް ތަޅާލާފައި ވެއެވެ.