ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއްކުންފުންޏެވެ. އެންމެ ގިނަ މަޝްރޫއުތައް ހިންގައި އެންމެ އަވަހަށް ނަތީޖާ ނެރެ ދައްކައިދޭ ކުންފުނިތަކުގެ ތެރެއިން ވެސް ފެނަކަ އޮންނާނީ ލިސްޓުގެ އެންމެ ކުރީގައެވެ.

ފެނަކައިގެ ޚިދުމަތަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވެސް އިތުބާރު ކުރައްވައެވެ. އެކަމުގެ ހެއްކަކީ ކުރިން މިފްކޯއިން ރަށްރަށުގައި ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކައަށް ބަދަލުކުރުމެވެ.

ސަރުކާރުން އެކަން އެގޮތަށް ނިންމެވީ ފެނަކައިގެ އިސްމާލިމީ އަހުމަދު ސައީދު މުހައްމަދަށް އިތުބާރު ކުރައްވައިފައެވެ. ދުވަހަކީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ހިމެނޭ ގޮތަށް ޓީމެއް ދިޔައެވެ. އެ ދަތުރުގައި ފޯކައިދޫގެ އިންޖީނުގެ ހުޅުވިއެވެ. އެއަށްފަހު ބޭއްވި ބައްދަލުވުމެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވެފައިވަނީ އައިސްޕްލާންޓުތައް ހިންގަން އެކުންފުންޏާ ހަވާލުކުރުމަށެވެ.

"ސަޢީދު ވިދާޅުވި، ފެނަކައާ މި މަސައްކަތް ހަވާލުކުރުމަށް. ތިމަންނާމެންގެ މުވައްޒަފުން ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަތިއްބޭ. އިންޖިނިއަރުން އެބަތިއްބޭ. ޓެކްނީޝަނުން އެބަތިއްބޭ. މަސްވެރިންނަށް ދަތިނުވާގޮތަށް، އައިސް ލިބޭގޮތް އިރާދަކުރެއްވިއްޔާ، ތިމަންނާމެން ހަދައިދޭނަމޭ. އެ ދުވަހު އެ ތަނުގައި ތިއްބެވި ވަޒީރުންނާ އެކީގައި އަޅުގަނޑުމެން މަޝްވަރާކޮށްފައި، އަޅުގަނޑުމެން ނިންމީ، ފެނަކައަށް ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހަވާލުކުރަން،" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ދުވަހު އެ ނިންމެވި ނިންމެވުމުގެ ނަތީޖާ ވަރަށްފޮނި ކަމަށެވެ. ފެނަކައާ ހަވާލުކުރި ހުރިހާ އައިސް ޕްލާންޓެއްގެ ޚިދުމަތް މަސްވެރިންނަށް ލިބެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެނަކައިން އައިސްޕްލާންޓުތައް ހިންގަން ފަށައި މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކުރިއެވެ. ހުއްޓިފައިވާ އައިސްޕްލާންޓުތައް ހިންގޭނެ ވަރުކޮށް ޚިދުމަތް ދޭން ފެށިއެވެ. އެތަންތަނުގައި ތިބި ޓެކްނީޝަނުންނަށް ކަމާ ގުޅޭ ތަމްރީން ދިނުމުގެ މަސައްކަތް ފެށިއެވެ. ނަތީޖާއަކަށްވީ އައިސްޕްލާންޓުތައް ގަދައަށް ހިނގައިގަތުމެވެ. މަސްވެރިންނަށް އެއްވެސް ދަތިކަމެއްނެތި އައިސް ލިބޭނޭ އިންތިޒާމް ހަމަޖެހުނީއެވެ. ޝަކުވާތައް މަދުވީއެވެ.

މިފަދަ ކޮންމެ ކަމަކާ ފެނައިން ކުރިމަތިލައިފައިވަނީ އިތުބާރާއެކުގައެވެ. އެކުންފުނީގެ މަގުސަދަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމެވެ. އެކަން އެބަކުރެއެވެ.

ފެނަކައިން ދެނީ ހަމައެކަނި ކަރަންޓްގެ ޚިދުމަތެއް ނޫނެވެ. "ކޮންމެ ރަށަކަށް ފައިބާއިރުގައި، ފެނަކައިގެ މުވައްޒަފުން ފެނޭ. އެ ވާހަކަ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުންވެސް ދައްކާ. އެހެން ނަމަވެސް، ފެނަކައިން ކޮންމެ ރަށެއްގައި ކުރަމުން މިގެންދަނީ ކަރަންޓްގެ ޚިދުމަތް ދިނުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި، އަދި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހެއްދެވުން ފަދަ ރައްޔިތުން ބޭނުންވެފައިވާ އެތައް އެތައް ކަންތައްތަކެއްގެ މަސައްކަތް. މިއީ ފެނަކައާ ހަވާލުކޮށްގެން އަޅުގަނޑުމެން ކުރަމުންގެންދާ މަދު މަސައްކަތްތަކެއް. މީގެ ނަތީޖާ ރަނގަޅު. އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ދަތިނުވެ، ކުރިއަށް މިއޮތް ތަނުގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތާއި، ރައްޔިތުންނަށް މި ބޭނުންވާ، ޚާއްޞަކޮށް މަސްވެރިންނަށް މި ބޭނުންވާ އައިސް ލިބުމުގެ ދަތިކަމެއްނެތި، ފެނަކައިން އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނެ،" ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢީދަށް ޝުކުރު އަދާކުރައްވަމުން ރައިސް ވިދާޅުވެފައިވެއެވެ.

ދެންއޮތީ ކަރަންޓު ދިނުމަށް އައު އިންޖީނުގެ އެޅުމުގެ ވާހަކައެވެ. މިއީ އެކުންފުނީން ހިނގާ ކާމިޔާބު އެއް މަޝްރޫއެވެ. އެކުންފުނީން މިހާތަނަށް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކުންފުނީގެ 61 އޮފީސް އިމާރާތެއް ގާއިމްކޮށް ހުޅުވައިފައެވެ. އޭގެއިތުރުން 48 އިންޖީނުގެ އެއްވަނީ އަލަށް ބިނާކޮށް ހުޅުވައިފައެވެ. މީގެ އިގތުރުން އަށާވީހަކަށް އިންޖީނުގޭގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަގެންދެއެވެ. ސަރުކާރުގެ މިދައުރު ނިމުމުގެ ކުރީން އެ ރަށްރަށަށް އެތަންތަނުން ޚިދުމަތް ދެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންވީމާ ފެނަކަ ޓީމަށް އައްސަރަބަހާއި ސާބަސް ނުދަންނަވައިތިބޭވޭ ވަރެއް ނޫންތާއެވެ.