މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދު ﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ގައުމު ދެމެދުގައި މިހާރުވެސް އޮތްގުޅުން އިތުރަށް ވަރުގަދަވެގެން ދާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. މީގެ އިތުރުން ދެ ގައުމުންވެސް ވަނީ ގަވައިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަން ދެނެގަތުމާއި، ސަރަހައްދީ ހަމަޖެހުމާއި، ކަނޑުގެ ސަލާމަތާއި އަދި ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސުލްހަ މަސަލަސްކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން އިންޑޯ ޕެސިފިކް ސުލްހަ މަސަލަސްކަން ގާއިމުކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. އަދި އެމެރިކާއިން ކުރާ މަސައްކަތްތަކަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖެއިން ކުރާ އެހެނިހެން މަސައްކަތްތައްވެސް ޝާހިދުވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އެމެރިކާގެ ޔުނިވަރސިޓީތަކުގައި ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ އެމެރިކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ މާފުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. ސެކްރެޓަރީ ބްލިންކެން ވަނީ މިފަދަ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެމެރިކާއިން ދިވެހިންނަށް ވިސާ ދިނުމުގެ ކަންކަން ހަރުދަނާކުރެވޭނެ ގޮތްތައް ހޯދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލާއި، ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދާއި، ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ޙުސައިންއާއި، ސެކްރެޓަރީ ބައިލެޓަރަލް ޑރ.ހާލާ ޙަމީދާއި، ޗީފް އޮފް ޕްރޮޓޮކޯލް އަޙްމަދު ޝިޔާނާއި، ޑިރެކްޓަރ ޖެނެރަލް އަޙްމަދު ނާޞިރުގެ އިތުރުން ދިވެހި އެމްބަސީގެ ކައުންސެލަރު ޒީނާ ދީދީ ވަނީ ބައިވެރިވެޑައިގެންފައެވެ.