އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ނުލައި ވެސް މިފަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކާމިޔާބު ކުރައްވާނޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލީސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖޭޕީގެ ބަދަލުގައި އެ ވަރުގެ އެހެން ޕާޓީއެއް ކަމަށްވާ އެމްޑީއޭ އާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ކޯލިޝަން ހަދާފައި ކަމަށެވެ. އެހެންކަމުން މިފަހަރުގެ ކޯލިޝަން ވެސް ވަކިކުޑައެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިފަހަރުވެސް އެއްވެސް ހާސްކަމެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.

ޖޭޕީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހަދައިފައެވެ. ޖޭޕީއާއެކު ކޯލިޝަން ހަދަން ރައީސް ސާލިޙު ދެއްވި ދަޢުވަތު އެޕާޓީން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. އެފުރުސަތު ދޫކޮށްލުމަށްފަހު ވެސް ކޯލިޝަންގައި އޮވެގެން ޖޭޕީއާއި އެމްއާރުއެމުން ވެސް ގެންދަނީ މިސަރުކާރަށް ފާޑުކިޔަމުންނެވެ. މިއީ ބަލައިގެނެވޭނޭ ކަމެއް ނޫންކަމަށާއި ސަރުކާރަށް ފާޑުކިޔާކަމަށްވާނަމަ ކޯލިޝަނުން ވަކިވުމަށް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ގޮވާލަމުންނެވެ.

"ރައްޔިތުން ބޭނުންވަނީ ސުލްހަމަސަލަސްކަން. ތަފާތުނުކޮށް އެންމެނަށް ތަރައްގީގެ ފޮނިމީރުކަން ލިބުން. ބޯހިޔާވަހިކަން ލިބުން،" ޝަރީފް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މިހުރިހާ ކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މިހާރުވެސް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ކަންކަން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލީހާ ވާދަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބަލިވެ ވަޑައިގެންނެވި ހިސާބުން ފެށިގެން ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި ރައީސް ނަޝީދު މިހާރުވަނީ އައު ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ.