މިދިޔަ މަހު މާލޭގައި 185 ކައިވެނި ކުރިއިރު މަސްދުވަސް ތެރޭގައި 132 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެއި މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 129 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.
އެގޮތުން، އެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރީލް މަހު ބާކީހުރި މައްސަލަތަކާއި އެކު މެއި މަހު ނިންމި ވަރީގެ މައްސަލަތައް 172 އަށް އަރައެވެ. އަދި ވަރިއާމެދު ޝައްކުވެގެން މިދިޔަ މަހު އެއް މައްސަލައެއް ހުށަހެޅުނުއިރު، އެ މައްސަލަ ނިންމާފައެއް ނުވެ އެވެ.
މީގެއިތުރުން މިދިޔަ މަހު ވަރި ސާބިތުކުރުމަށް 56 މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 75 މައްސަލައެއް ނިންމާފައި ވެއެވެ. އަދި މަސް ނިމުނުއިރު، 20 މައްސަލައެއް ނުނިމި އެބަ އޮތެެވެ.
އަދި މިދިޔަ މަހު ވަރިވުމަށް އެދި 75 މައްސަލައެއް ހުށަހަޅާފައި ވެއެވެ. ކުރީ މަސްތަކުގެ 79 މައްސަލަ ހިމަނައިގެން އެބާވަތުގެ ޖުމްލަ 69 މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ. އަދި މަސް ނިމުނުއިރު، 85 މައްސަލައެއް ނުނިމި އެބަ އޮތެެވެ.
މިދިޔަ މެއި މަހު އެ ކޯޓަށް ހުށަހެޅި އަދި ނިންމި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަށް ބަލާއިރު، ދަރިއަކު ބަލައި ބޮޑުކުރަން އެހެން މީހަކާ ހަވާލު ކުރި މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައި ނުވެއެވެ. ނަމަވެސް ކުރީ މަސްތަކުގައި ހުށަހަޅާފައި ހުރި މައްސަލެއް ވަނީ މިދިޔަ މަހު ނިންމާފައެވެ.
އަދި ކުއްޖާ އިހްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ 10 މައްސަލައެއް މިދިޔަ މަހު ނިންމިއިރު، އެ މަހު ހުށަހެޅުނު ތިން މައްސަލައާއެކު ޖުމްލަ ހަތަރު މައްސަލައެއް ނުނިމެއެވެ. މީގެއިތުރުން، ހަޟާނާތުގެ އެއް މައްސަލައެއް މިދިޔަ މަހު ހުށަހެޅުނުއިރު، ކުރީގެ މަހުގެ މައްސަލަތަކާއެކު ތިން މައްސަލައެއް ނިންމާފައި ވެއެވެ.
އަދި 10 މައްސަލައެއް ކޯޓުގައި ހިންގަމުން ދެއެވެ.