ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރެއްވުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވައިފިއެވެ.

އެގޮތުން މިއަހަރު ސެޕްޓެމްބަރު މަހުގެ ނުވަވަނަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ސަރުކާރުގެ ފަރާތުން މި އިޞްލާޙު މަޖިލީހަށް ހުށަޙަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ. ޖީހާން ހުށައަޅުއްވި އިޞްލާޙުގެ ބޭނުންމަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަ އެހެން މީހެއްގެ އެހީތެރިކަމާކާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ.

މި އިޞްލާޙު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 51 މެމްބަރުންގެ ތަނަވަސް އައުލަބިއްޔަތުންނެވެ.

މީގެއިތުރުން، މި އިޞްލާޙުގައި ބަޔާންކުރާގޮތުން ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެކަމާއި އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް އިޞްލާޙްގައިވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ.

އަދި ފެނުމުން މަޙްރޫމްވެފައިވާ މީހުންވެސް ވޯޓްފޮށްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހައިފައިކަމަށްވެސް އިޞްލާޙުގައި ވެއެވެ.