ރޭ ދަންވަރު ޔަމަނު ގަޑިން 2 ޖެހިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސާރީޢު ވަނީ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަށް 8 ވަނަ ހަމަލަ ދިން ކަން އިއުލާން ކުރައްވާފައެވެ.
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ހެރީ ޓްރޫމަން އަށް ރެޑްސީގައި ކާމިޔާބު ހަމަލާއެއް ދިން ކަން ޔަމަނު ސިފައިން އިއުލާން ކުރިއިރު މިއީ އެ މަނަވަރު ރެޑްސީއަށް ދިޔަ ފަހުން ދިން 8 ވަނަ ހަމަލައެވެ.
"ޖޮއިންޓް އޮޕަރޭޝަނެއްގައި އަޅުގަނޑުމެން އަމާޒުކުރީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ހެރީ ޓްރޫމަން އާއި އުތުރު ރެޑްސީގައި ތިބި ބައެއް މަނަވަރުތަކަށް،" ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސާރީޢު ވިދާޅުވި އެވެ.
"މި އޮޕަރޭޝަންގައި ގިނަ ޑްރޯންތަކާއި ކްރޫޒް މިސައިލްތައް ބޭނުންކުރި. މާތްاللهގެ ހެޔޮ ރަޙްމަތާއެކު އެ ހަމަލަ ކާމިޔާބުކަމާއެކު ފުރިހަމަ ކުރެވުނު،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ޔަމަނުގެ ސިފައިން ވަނީ ޒުލްފިޤާރު މިސައިލް ބޭނުންކޮށްގެން އިޒްރޭލުގެ ޑިފެންސް މިނިސްޓްރީއަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައެވެ.