މަކާއުއަކީ ނިއު ވޯލްޑް ގުރާތަކުގެ ތެރޭގައި ހިމެނޭ ދޫންޏެކެވެ. ރީތި ކުލަތަކެއް ހުންނަ ފިޔަތައް އެކުލެވޭ މި ދޫންޏަކީ އެވިކަލްޗަރގައިވެސް ބޭނުންކުރާ އަދި އޮޅުކޮށްގެންވެސް ގެންގުޅެވޭ ދޫންޏެކެވެ. ދިވެހިރާއްޖޭގައި މި ދޫނި މަޝްހޫރުވެފައިވަނީ އޮޅުކޮށްގެން ގެންގުޅޭ ދޫންޏެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހީންގެ މެދުގައި މަޤުބޫލު ދޫންޏެކެވެ.
ހަފްތާގެ ދޫނީގައި މިއަދު މި ގެނެސްދެނީ މި ދޫންޏާބެހޭ ބައެއް މުހިންމު މަޢުލޫމާތުތަކެވެ.
މަކާއު ގެ ކެއިންބުއިމުގެ އާދަތައް
މަކާއުއަކީ މޭވާއާއި ތަރުކާރީ ކާ ހިތްވާ ދޫންޏެކެވެ. މީގެއިތުރުން، އެކި ވައްތަރުގެ ބަދަނަކީވެސް މަކާއު ކާ ހިތްވާ އެއްޗެހީގެ ތެރޭގައި ހިމެނޭ ބައެކެވެ. ހަމައެހެންމެ، ދޫނި ކާނާގެ ތެރެއިން ހައި ކޮލިޓީ ކާނާއާއި ސަންފްލާވާ ސީޑްކަހަލަ ކާނާއަކީ އެއަށް އެންމެ މީރު ބާވަތްތަކެވެ.
ހެދިބޮޑުވާ ގޮތާއި އޭގެ ޢާންމު ދިރިއުޅުން
މި ދޫންޏަކީ ޢާންމު ދިރިއުޅުމުގައި ވަރަށް "ސޯޝަލީ އެކްޓިވް" ދޫންޏެކެވެ. އަދި 5 ފޫޓު ދިގު ކޮށްޓެއްގައި މެނުވީ މި ދޫންޏަށް ފަސޭހަކަމާއެކީ ނޫޅެވޭނެއެވެ. މީގެއިތުރުން، އެކިއެކި ޕަޒުލްތަކާއި މިނޫންވެސް ކުޅިވަރުތައް ކުޅޭ ހިތްވާ ތޫނުފިލި ޖަނަވާރެކެވެ. އެގޮތުން، އަމުރަށް ކިޔަމަންތެރިވުމާއި، މީހުން ދައްކާ ވާހަކަތައް ނަކަލުކުރުމާއި، އާދައިގެ ތަންޑު ނެއްޓުމާއި އެކިއެކި "ޓްރިކްސް އެންޑް ސްކިލްސް"ތައް ދައްކާ ދޫންޏެކެވެ.
އުމުރު
މަކާއުއަކީ އާންމު މާހައުލުގައި 30-40 އަހަރު ވަންދެން އުޅޭ ޖަނަވާރެކެވެ. އަދި މީހެއްގެ ބެލުމުގެ ދަށުން ގެންގުޅޭކަމަށް ވާނަމަ، 50-80 އަހަރަށް ދިރިއުޅޭ ދޫންޏެކެވެ. ބައެއް ޙާލަތްތަކުގައި 100 އަހަރަށްވެސް މި ޖަނަވާރު އުޅޭކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.
އުފަންވާ ހިސާބުން ފެށިގެން 5 އަހަރު ތެރޭގައި ފުރިހަމައަށް ހެދިބޮޑުވާ، މި ދޫންޏަކީ އެކިއެކި ސިފަތައް ލިބިގެންވާ ދޫޏެއްކަން ޔަޤީނެވެ.
ޖުމުލަކޮށް ދަންނަވާނަމަ، މަކާއުއަކީ ވަރަށްވެސް ރީތި، މޮޅު ދޫންޏެކެވެ. ދިވެހީންނަށްވެސް ނުހަނު ކަމުދާ، ޢާންމުންނާއެކީ އުޅެން ބޭނުންވާ ސޯޝަލީ އެކްޓިވް ދޫންޏެކެވެ. މި ދޫނި ގެންގުޅޭއިރު އެއަށް ފުރިހަމަ ލޯތްބާއި އަޅާލުން ދީގެން ގެންގުޅުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.
https://sarukaaru.gov.mv/articles/6705