އޮނަކީ ދުނިޔޭގެ އެކި ޤައުމު ތަކުގައި، އާއިލީ ގޮތުން 200 އަށް ވުރެ ގިނަ ވައްތަރުތައް ހެދޭކަމަށް ފަހަގަކުރެވިފައިވާ ގަހެކެވެ. އެއީ ވަރަށް ކުދިކޮށް ހެދޭ ވައްތަރުތަކުން ފެށިގެން ވަރަށް ބޮޑެތިކޮށް ގާތްގަޑަކަށް 30 މީޓަރ މައްޗަށް ހެދޭ އަދި އޭގެ ވަށަމިނުގައި 30-25 ސެންޓުމީޓަރު ހުންނަ ވައްތަރުތަކެވެ. އޮނު ހެދުމުގައި ފިނި ހޫނުމިން ތަފާތު ހިސާބުތަކުގައި ހެދޭގޮތާއި ބާވަތްތައް ތަފާތެވެ. މިހާތަނަށް އެންމެ ގިނަ ވައްތަރުތައް ހެދިފައި ހުރިކަމަށް ފާހަގަކުރެވެނީ މެލޭޝިޔާގެ އެތެރެ ހިސާބުތަކުގައިއެވެ. އޭގެ އިތުރުން ޗައިނާ، ކޮރެއާ އަދި ޖަފާނުގައިވެސް އޮނުގެ ވަރަށް ގިނަ އާއިލާތައް ހެދިފައިވެއެވެ. އެފްރިކާގެ ޤައުމުތަކުގައި ހެދޭ އޮނުގެ ވައްތަރުތައް މަދެވެ. މީގެ އިތުރުން ދެކުނު އޭޝިޔާއަދި ޔުރޮޕްގައިވެސް އޮނު ހެދޭކަމަށް ފާހަގަކުރެވެއެވެ. މިގޮތުން ދިވެހިރާއްޖޭގައި ވެސް އޮނޮ ކޮންމެވެސް ވަރަކަށް ހެދެއެވެ. ރާއްޖޭގައި ރީދޫ އޮނާއި ފެހި އޮނު ހުރެއެވެ.
އޮނު ހެދެނީ ބަދަބަދަޔަށް އަދި ކޮންމެ ބަޔަކުން ކުރިފަޅާ މޫ ފައިބާ ގޮތަށެވެ. މިހެން ހެދެމުން ދާއިރު ޅަކުރި ނިވާވެފައި ހުންނަނީ ބޭރުން ލެވިފައިވާ ފަތްތަކުންނެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ހެދުން އަވަސްވެއެވެ. އޮނު އާމުކޮށް ގޮފި ޖަހަން ފަށަނީ އޮނޮ ހެދޭ އޮސްމިނަށް ހެދުމަށް ފަހުގައިއެވެ. އެހިސާބަށް ހެދުމުން ޅަކުރިތަކުގައި ހެދިފައި ހުންނަ ފަތްތައް އަމިއްލައަށް ފައިބަން ފަށާނެއެވެ. އެއަށްފަހު ޅަކުރިތައް އޮފިތަކެއްގެ ސިފައަށް ހެދެން ފަށާނެއެވެ. މީގެތެރެއިން ބައެއް އޮފީގެ ބުޑުން ކުރިފަޅައިގެންގޮސް އިތުރު އޮފިތަށް ހެދެއެވެ. މިގޮތަށް ހެދޭ އޮފިތަކުގައި ފަތް ހުންނާނީ ވަރަށް މަދު އަދަދަކަށެވެ.
ބޭނުން
އޮނަކީ މަސްވެރިންކުރާ ޤައުމުތަކުގެ މަސްވެރިކަމާ، ޚާއްސަކޮށް ދިވެހި މަސްވެރިކަމާއި ޒަމަނުއްސުރެ ގުޅިފައިވާ އެހާމެ ބޭނުންތެރި އެއްޗެކެވެ. ދިވެހި ރާއްޖޭގައި އެހެން ބޭނުމެއް ނުކުރިކަމުގައިވިޔަސް އޮނަކީ ތަރައްޤީވެފައިވާ ޤައުމުތަކުގައި އަދި ތަރައްޤީވަމުން އަންނަ ޤައުމު ތަކުގައި ކަރުދާސް ހެއްދުމާއި، ބޭސް، އަތްތެރި މަސައްކަތް، ބަގީޗާ ފަދަ ތަންތަން ޒީނަތްތެރިކުރުމަށާއި އޮލަނބު ޖެހުމަށް އަދި މިއުޒިކު ސާމާނާއި ކުޅޭ އެއްޗެހި ފަދަ ތަކެތި ތައްޔާރުކުރުމަށް ވެސް ބޭނުން ކުރާ އެއްޗެކެވެ. މީގެއިތުރުން ގެދޮރު އެޅުމަށްވެސް އޮނޮ ބޭނުން ކުރެއެވެ. ބައެއް ޤައުމުތަކުގައި އޮނު ޅަކުރިއަކީވެސް ތައްޔާރުކޮށްލައިގެން ކެއުމަށް ބޭނުންކުރާ ރަނގަޅު ކާނާއެކެވެ. މީގެ އިތުރުންވެސް އޮނުން ކުރެވޭ ބޭނުންތައް ވަރަށް ގިނަގުނައެވެ. އަދި އޮނާއި އޮނުން ތައްޔާރުކުރެވޭ ތަކެއްޗަކީ ގިނަ ދުވަހަށް ދެމިހުންނަ އެއްޗެތިކަމަށް ވަނީ ފަހަގަކުރެވިފައެވެ.
އިންދާ ހައްދާނެގޮތް
އޮނު އިންދާ ހެއްދުމަށް މައިގަނޑު ދެ ގިތަކަށް ބޭނުންކުރެއެވެ. އެއީ އޮނު ބަދައިންދައިގެންނާއި އޮނުގެ ގޮނޑި އިންދާގެންނެވެ. ކޮންމެ ގޮތަކަށް އިންދާނަމަވެސް ބޭނުންވާނީ ރަނގަޅު ކަޅުފަސް އެކުލެވޭ ފަސޭހައިން ފެންލިބޭ ފިނިތަނެކެވެ.
އޮނުކަނޑައިގެން ހެއްދުން
ރަނގަޅު ގަސްތަކެއްގެ ތެރެއިން 1-2 އަހަރުވެފައިވާ އޮނު ފާހަގަކޮށް ވައިގަސްތަކާއި ވަކި ކުރާށެވެ. އޮނު ކަޑާނީ ދެނިރު ހުންނަ ވަރުގެ ބުރިބުރިއަށެވެ. އޮނު ބުރިތައް އިންދުމަށް ރަބަރުކޮތަޅަށް ކަޅުފަހާއި ކާދު އެއްކޮށްފައި އަޅާށެވެ. އޮނު ބުރިތައް އިންދާނީ ތިރީގައިވާ ނިރު ފޮރޮވޭނެ ވަރަށެވެ. ކޮތަޅު ނުލިބޭނަމަ ފުޅުގައި ހޯވަޅުއެޅި ބޮޑެތި ނެސްޕްރޭ ދަޅުވެސް ރަނގަޅުވާނެއެވެ. ކޮތަޅުގައި އޮނު ބުރި އިންދުމަށް ފަހު މަތީގައި އިންނަ އޮނު ބަދަ އެތެރެއަށް ފެންއަޅަންވާނެއެވެ. އޮނުބަދަ ރޯ ވަންދެން މަތީގައި އިންނަ ބަދައިގެ ތެރޭގައި ފެންހުންނަން ވާނެއެވެ. ދެމަސް ދުވަސްވަންދެން އިންދާފައިވާ އޮނު ބުރިތައް ބަހައްޓަންވާނީ ހިޔަލުގައިއެވެ. އަދި ދުވާލަކު އެއް ފަހަރު ފެންދޭން ވާނެއެވެ. ކޮތަޅުގައި އިންދާތާ 3 ހަފްތާފަހުން ގަސްކާނާ އަޅަންވާނެއެވެ. 2 މަސްފަހުން ކޮތަޅުތައް ނިވާ ނެތްތަކަށް ބަދަލުކޮށް އޮނުތަށް އަތްވަށް ހާނުވާ، ރުވުމަށް ތައްޔާރުކުރާށެވެ. ރުވުމުގެ 1 ހަފްތާކުރިން ހެން ދިނުންވެސް ހުއްޓާލާށެވެ.
މޫލައްވާގެން ހެއްދުން
އޮނު މޫލެއްވުމަށް މަސައްކަތްކުރާނީ ވިއްސާރަ މޫސުމާއި ދިމާކޮށެވެ. އާނިރުގެ ފަތްތައް ފޮޅިއެއްފަހު އެއްމަސްވަންދެން މޫލެއްވުމުގައި މަސައްކަތް ކުރެވޭއެވެ. 2 ހަފްތާ އެއްހާ ދުވަސްފަހުން ޕްލާސްޓިކް ކޮތަޅުން މޫ ފެންނަން ފަށާނެއެވެ. ދެން މޫ ފަޅަފައިވާ އޮފިތަށް ކަނޑާލާނީއެވެ. އޮފިތަށް ރުވާނީ ދެންވެސް ޖެހިން އަންނަ ވިއްސާރަ މޫސުމާއި ދިމާކޮށެވެ. އެހާ ދުވަސް ވާއިރު އޮފިތަށް ހުންނާނީ ރަނގަޅަށް ހެދިފައިއެވެ. އޮފިތަށް ރުވާ ހެއްދުމުގައި މާ ބޮޑަށް ބިން ތައްޔާރު ކުރުމެއް، ބެލެހެއްޓުމެއް ބޭނުމެއް ނުވާނެއެވެ.
ރުވުން
ކޮތަޅު ކަފާލާ ވެލިގަނޑު ހަލާކުވިޔަ ނުދީ ކޮތަޅުން އޮނު ނަގާށެވެ. އޮނުތައް އިންދާނީ ވަޅުގައެވެ. ފުރަތަމަ މި ވަޅުތަކަށް 10 ސެޓިމީޓަރުގެ ކަޅުފަސް ( ކާދާއެއްކޮށްފައި) އަޅާށެވެ. އޮނުތައް އިންދާއިރު އޭގެ މުލުގައި ހަރުލާފައިވާ ފެލިގަނޑަށް އެއްވެސް ގެއްލުމެއް ނުވާނެހެން އިންދަން ވާނެއެވެ. އިންދުމަށްފަހު ވަޅުގަނޑަށް ބަކީ ފަސްތައް އަޅާށެވެ. ވަޅުގަނޑުގައިވާ ފަސްގަނޑު ބަހައްޓަންވާނީ ވަށަގެންވާ ވެލިގަނަޑަށް ވުރެ ތިރިކޮށްނެވެ. އެއީ ވަރޭ ވެހުމުން ފެން ހިފަހެއްޓުމަށެވެ. އަލަށް އިންދާފައިވާ އޮނުތައް ގަސްކާނާ، ވެއްޔާ އެއްކޮށްފައި އަޅަންވާނެއެވެ. އެއީ ބުޑާއި 15 މީޓަރު ދުރުން ވަށައިގެން ކުނޑަކޮށް ކޮނެލާފައެވެ. އެއްފަހު ފެންދީ، ހިކިފަތް، ހުއި، ފަންފަދަތަކެތި ގަސް ބުޑަށް އަޅާށެވެ. މީގެ ބޭނުމަކީ ބިމުގައި ފެން ހިފެހެއްޓުމަށް އެހީވެދިނުމެވެ.
އޮނު ކެޑުން
ހަރުވެފައިވާ އޮނު ކަނޑަން އެންމެ ރަނގަޅީ ވާރޭ ނުވެހޭ ދުވަސްވަރެވެ. ވާރޭ ވެހޭ މޫސުމުގައި އޮނު ފިނީގައި އިތުރަށް ނިރުލާ ހެދެން ފަށާނެއެވެ. ވިއްސާރަ މޫސުމުގައި އޮނު ކެނޑުމުން ހެދެމުން އަންނަ ނިރުތަކަށް ގެއްލުންވާނެއެވެ. އޮނު ކަޑަން އެންމެ ރަނގަޅީ 3 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ހުންނަ އޮނެވެ، އޮނު ކަނޑަންވާނީ ތިރީގައި އެންމެ ބަދައެއް އިންނަ ގޮތަށެވެ. 1-2 އަހަރުވެފައިވާ އޮނު އިން ދުމަށްފަހު ކަނޑާލާއިރު ފިނީގައި ކުރިން ހުރި ވަރު %75 ބަހައްޓާފައި ކަނޑާށެވެ. އޮނު ފިނީގައި ދެމި ހުންނާނީ އޭރުންނެވެ.