ޕީޕީއެމްގެ ކެލާދާއިރާގެ ކުރީގެ ސެނެޓަރ އަޙުމަދު ޣާލިބު އޭނާގެ ޢާއިލާއާއި ބައެއް ރައްޓެހީންނާއެކު އެމްޑީޕީއަށް ސޮއިކޮށްފައެވެ. ރައްޓެހީންގެ ތެރޭގައި ޕީޕިއެމަށް ނިސްބަތްވި ގިނަ ޢަދަދެއްގެ މީހުން ހިމެނޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ޢާއިލާއާއެކު އެމްޑީޕީއަށް ސޮއިކުރީ އެމްޑީޕީ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ބައިވެރިވެ ވަޑައިގެނެވިއެވެ. މި ރަސްމިއްޔާތުގައި ކުރީން ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބި ބަޔަކުވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. ޕީޕީއެމުން ޣާލިބު ވަކިވީ ކުރިއަށް ދިއުމަށް އެކަށީގެންވާ މާހައުލެއް ޕީޕީއެމްގެ ތެރޭގައި މިހާރުނެތް ކަމަށް ބުނަމުންނެވެ. މީގެ ކުރީން އޭނާ ވަނީ ހއ. ފަށަފަރު ކައުންސިލްގެ ނާއިބު ރައީސްކަން ވެސް ކުރައްވާފައެވެ.

ޣާލިބަކީ މާލޭސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ކޮއްކޮއެވެ. އެމްޑީޕީއަށް ސޮއިކުރުމަށްފަހު އޭނާ ބުނެފައިވަނީ މިއީ ފެށުމެއް ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ މިއީ ވަށަފަރާއި، ކެލާ ދާއިރާގެ ޙާލަތު ކުރިއަށް އޮތް އިންތިޚާބުގެ ކުރީން ބަދަލުވެދާނޭ ކަމެއް ކަމަށެވެ. އޭނާ ބުނެފައިވަނީ ރާއްޖެއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ސާލުހު ދެވަނަ ދައުރަކަށް އުިންތިޚާބު ކުރަންޖެހޭ ކަމަށެވެ.