ފިހާރައެއް ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ހދ. ކުޅުދުއްފުށި/ ކަޑޫމާގޭ، އިބްރާހިމް ހަސަން، މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 12:00 ހާއިރު، އެ ސިޓީގެ ފަރިރީތި ފިހާރަ ހުންނަ ސަރަހައްދުގައި އޭނާއާއި އެ ސިޓީގެ/ އަލިގާ، މުހައްމަދު މޫސާއާ ދެމެދު ހިނގާދިޔަ ދެބަސްވުމެއްގެ ތެރޭގައި މުހައްމަދު މޫސާގެ ފިހާރައަކަށް ނިސްބަތްކޮށް، މުހައްމަދު މޫސާއާ ދިމާއަށް "ދެން ގޮއްވާލާނީ ދުއްވާލާނީ ހުރިހާ ތަނެކޭ" ބުނެ އިބްރާހިމް ހަސަން ބިރުދައްކައި އިންޒާރު ދީފައިވާތީ ދައުލަތުން ކުރި ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ.

އިބްރާހިމް ހަސަން ކުށަށް އިއުތުރާފުވުމުން ބޭއްވި އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އަމިއްލަ އިއުތިރާފްގައި އެއްވެސް މަޖުބޫރުކަމެއް ނެތްކަމަށް އެއްބަސްވެފައެވެ.

އަދި ހުކުމް އިއްވުމުގެ ކުރިން އޭނާ ވަނީ ބަންދުގެ ހުރެފައެވެ.

އެހެން ކަމުން އޭނާ އަށް ހުކުމްކޮށްފައިވަނީ އެ މުއްދަތު އުނިކުރުމަށްފަހު، ފަސް މަހާ 22 ދުވަހުގެ ޖަލު ހުކުމްއެކެވެ.