މިއަދު އިރުއޮއްސުނު އިރު ހިނގި ކާރު އެކްސިޑެންޓްއްގައި ކާރު ދުއްވަން އިން ޑްރައިވަރު މަރުވެއްޖެއެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭގައެވެ. ދެކާރެއްޖެހި ހިނގި މިއެކްސިޑެންޓުގައި އެކަކު ނިޔާވެ އަނެއް ދެމީހުނަށް ދަނީ ފަރުވާދެމުންނެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން މިއެކްސިޑެންޓުގެ މަންޒަރުތައް ފެންނައިރު، އެކްސިޑެންޓް ހިނގާފައި ވާ ސަރަހައްދުގައި މަގުގެ ދެ ލޭން ވަކި ކުރުމަށް ޖަހާފައިވާ ހޮޅިތައް [ޑިވައިޑަރު] ގައި 'އަވަސްރައިޑް' ކަޅުކުލައއެއްގެ ޓެކްސީ ޖެހޭތަން ފެނެއެވެ. އަދި މިކަޅުކާރުގެ ކުރީކޮޅު ހަލާކުވެ، ފުރޮޅުވެސް ހަލާކުވެފައިވާ މަންޒަރު ފެނެއެވެ. އަނެއް ހުދުކާރު އޮތީ ދުރުގައެވެ. އަދި އޭގެ ކުރީކޮޅު ވަނީ ހަލާކުވެފައެވެ.

މި އެކްސިޑެންޓްގައި އަނިޔާ ލިބުނު ކާރު ޑްރައިވަރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ މީހެކެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ހުލުމާލެ ފޭސް އެކެއްގެ ޕްލެޓިނަމް ފްލެޓްތައް ކައިރީގައި ދެ ކާރު ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުގެ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:45 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ތިން މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓުވި ތިންމީހުން ވެސް އެވަގުތު ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން މައުލޫމާތު ދެމުން ބުނެފައި ވެއެވެ. މަރުވި މީހާ އިން ކާރުގައި އޭނާ ނޫން އިތުރު މީހަކު ނެތެވެ. ދެން އަނިޔާވި ދެމީހުންނަކީ އެކްސިޑެންޓްވި އަނެއް ކާރުގައި ތިބި ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.