މިއަދާ ހަމައަށްވެސް އެއްވެސް މަންސައެއްގައި އެންމެ ފޮލޯވަރއެއްވެސް ނެތެވެ. ފޮލޯވަރސް ތިބޭނީ އެކައުންޓެއް އޮވެގެންތާއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު މަންސަތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް، ޓިކްޓޮކް މިނޫން ވެސް އެއްވެސް މަންސައެއްގައި ހެންވޭރު ޝަފީގުގޭ، އައިޝަތު ޝަފީގު، އައިސްތުގެ އެއްވެސް އެކައުންޓެއް ނެތެވެ. މަޝްހޫރު ވުމަށް އެއްވެސް ތަސްވީރެއް ހިއްސާކޮށް އެއްވެސް ނެށުމެއް ނަށައި ލަވައެއް ކިޔައިފައެއް ނެތެވެ. މިއީ މިޒަމާނުގެ ގިނަފަރާތްތައް މީސްމީޑިޔާ، ޓިކްޓޮކް، ފޭސްބުކް ފަދަ މަންސަތަކުގެ ޒަރީއާއިން މަޝްހޫރުވެ މަގުބޫލުވާ ގޮތްކަމުގައިވިޔަސް އައިސްތުގެ ގަބޫލުކުރުމާއި ވިސްނުން އައިސްތަށް ދެއްކީ އެހެން މަގެކެވެ. އަދި އައިސްތުގެ ހަޔާތުގެ ނުހަނު ތުއްތުއުމުރުން ފެށިގެން ތަހައްމަލުކުރަމުން އަންނަ ތަދާއެކު ފުރޮޅުލީގޮނޑިއެއްގައި އިންކަމުގައިވިޔަސް އަދު އައިސްތު އެވަނީ ކާމިޔާބީގެ ކުރިބޯށްޓަށް ވާސިލުވެފައެވެ. މިއީ ކުރުކޮށްވިޔަސް، އައިސްތުގެ ދިގުހަޔާތުގެ ބައެއް ވާހަކައެެވެ.
އައިސްތުއާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ފާހަގަ ވަނީ އަދަބާއި އަހުލާގުގެ އެންމެ މަތީ ދަރަޖައެވެ. ތަރުބިއްޔަތުގެ މިސާލެއް ނެތް ސިފަތަކެކެވެ. އައިސްތު މިހިސާބަށް ދުށް އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ތަން، ދާދި އިހަކަށް ދުވަހު މުޅި ދުނިޔެ ބަލަމުން ދިޔައިރު އައިސްތުގެ އާއިލާ ވެސް ދިޔައީ މި އުފާ ފާޅުކުރަމުންނެވެ.
ޅަފުރާއާއި އައިސްތުގެ ހަޔާތުގެ ދަތުރު
މަންމައާއި ބައްޕަގެ ބާރަ ކުދިންގެ ތެރެއިން ނުވަ ވަނައަށް އުފަންވި އައިސްތު ކުޑަކުޑައިރު އަމިއްލައަށް އަޅާން ފެށި ފިޔަވަޅުތައް ހުއްޓި ދަނޑިގަނޑެއްގެ އެހީގައި އުޅެން ޖެހުނަސް ހިތްވަރަކަށް އައި ބަދަލެއް ނެތެވެ. އައިސްތުގެ ޅަފުރާ ދިޔައީ ދަތިކަމާއެކުގައިކަން ގައިމެވެ. ފުރޮޅުލީ ގޮނޑިއާއި ބަލިކަށި ފަޔާއެކު އައިސްތު ދުނިޔެއަށް ދެއްކީ ދިވެހިއަންހެންދަރިއެއްގެ ގަދަފަދަ ހިތްވަރެވެ.
ކުޑަކުޑައިރު ޕޯލިއޯގެ ޝިކާރައަކަށް ވެ، ކުޑައިރުގެ އުފަލާއި މަޖަލުން އެއްފަރާތަކަށް ޖެހެން ޖެހުނު ވަގުތު އައިސްތަށް އެވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ފެނުނީ ތިނޯއްސާއި ބަރަންޏެވެ. ފެހުމުގެ މަސައްކަތް ދަސްކުރުމަށް އައިސްތު ދިޔަ ސުކޫލެއް ނެތެވެ. އާއިލާގެ އެންމެ ފުރިހަމަ ލޯތްބާއި އެއްބާރުލުމާއެކު އައިސްތު ދިޔައީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ކުރިއަށެވެ.
"ކުޑައިރު ވަރަށް ބޭރަށް ނުކުމެ އުޅުނިން. ވަރަށް ދިމާކޮށް ހަދާނެ ކުދިން، އަޅުގަނޑު އުރައިގެން ދާތީ އެކިކަހަލަ ބަސްތައް ގޮވާނެ، ބައްޕައާއެކު ދިޔަ ދުވަހަކު ނުކެރުނު އެކަކަށްވެސް ދިމާކުރާކަށް، އެކަމަކު ބައްޕައާއެކު އަބަދު ނުދެވޭ، ދެން އަބަދު އެގޮތަށް ކަންތައް ވާތީ ހިތަށް އެރީ ނުދާނަމޭ ބޭންޑް(ޕެރޭޑް) ބަލާކަށް. ގޭގައި އިނދެގެން ފެހުމުގެ ކަންތަކާ އުޅޭނީއޭ. ދެން އަނެއްކޮޅުން އަޅުގަނޑު މަސައްކަތުގައި ބިޒީވެސް ވާން ފެށީ. އެހެންވެ ބޭރަކަށް ނުދަން. ފުރަތަމަވެސް ކާމިޔާބީގެ ލިޔުމެއް، އެވޯޑެއް ބަލާވެސް ދިޔައީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ހަނދާނީ ލިޔުން ބަލާ. އެވެސް ބައްޕަގެ އެދިލެއްވުމަކަށް." މިއީވެސް އައިސްތުގެ ހަޔާތުގެ ކޮންމެވެސް ހިސާބެކެވެ. ހިތްވަރު އެލުވާލުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާ މިއަދު ކިތަންމެހާވެސް ފޮންޏެވެ.
ކަވި ގިނަގުނަ މަސައްކަތްތަކުގައި އައިސްތު ވަގުތުގެ ބޭނުން ހިފީ އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށެވެ. ފެހުމާއި މާޖެހުމާއި ޖެރީ ކުރުމުގެ މަސައްކަތުން މުޅި ރާއްޖެއިން އައިސްތުގެ ނަން ވިދަމުން އައިސް މިއަދު އެންމެ އުހަށްވެސް އެނަން ވަނީ ގޮސްފައެވެ.
އައިސްތުގެ ކާމިޔާބީތައް!
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1982 ން ނުކުޅެދޭ މީހުންގެ ބައިން 1 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1982 ން ނުކުޅެދޭ މީހުންގެ ބައިން 2 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1985ވަނަ އަހަރު ބައިވެރިވެފައިވާތީ ހަނދާނީލިޔުން
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1985 3 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1987 2 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1988 2 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1988 3 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1990 1 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1990 2 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1990 3 ވަނަ
- 1995ވަނަ އަހަރު ފެހުމާއި ޖަރީގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމާއެކުދޭ ސަނަދު)
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1995 1 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1995 2 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 1997 1 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 2002 1 ވަނަ
- ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢްރަޟް 2002 2 ވަނަ
- ކަނބަލުންގެ އުފެއްދުންތެރިކަމުގެ އެކްސްޕޯ 2017 ބައިވެރިވެފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވާ ހަނދާނީ ލިޔުން
- ކަނބަލުންގެ އުފެއްދުންތެރިކަމުގެ އެކްސްޕޯ 2017ގެ ޚާއްސަ އެހީއަށް ބޭނުންވާބައިން އުފައްދާތަކެތީގެ ދާއިރާއިން 1 ވަނަ
- ކަނބަލުންގެ އުފެއްދުންތެރިކަމުގެ އެކްސްޕޯ 2017ގެ ޚާއްސަ އެހީއަށް ބޭނުންވާ ބައިން އެމްބްރޮއިޑަރީ މަސައްކަތުން 1 ވަނަ
- ކަނބަލުންގެ އުފެއްދުންތެރިކަމުގެ އެކްސްޕޯ 2017ގެ ޚާއްސަ އެހީއަށް ބޭނުންވާ ބައިން ފޮތީގެ އަދި ފެހުމުގެ ގިންތިން 1 ވަނަ
- ކަނބަލުންގެ އުފެއްދުންތެރިކަމުގެ އެކްސްޕޯ 2017ގެ ޚާއްސަ އެހީއަށް ބޭނުންވާ ބައިން އުފައްދާ ތަކެތީގެ ދާއިރާއިން 3 ވަނަ
- ވިމްގެ ކަރޭޖަސްއެވޯޑް ގޯލްޑްކެޓަގަރީ 2022
- ވިމްގެ (ޓޮޕް50') ގްލޯބަލްއެވޯޑް' ކަރޭޖަސްއެވޯޑް، 2023
އެތައް ގައުމެއްގެ އެތައްބަޔަކު ފަހަށް ޖައްސާލާފައި އައިސްތު 'ވިމެން އިން މެނޭޖްމަންޓު'ގެ "ޓޮޕް50ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑް،2023 (Top50’Profesional and Career Women Award,) ގެ "ކަރޭޖަސް ވުމަން އެންޓަޕްރަނަރ އެވޯޑް" އުފުލައިލީ ފަހުރުވެރިކަމާއެކުގައެވެ.
ވޭތުވެދިޔަ އަހަރު، ވިމެން އިން މެނޭޖްމަންޓުގެ 2022 ގެ ކަރޭޖަސް އެވޯޑް ގޯލްޑް ކެޓަގަރީއިން އައިސްތު ވަނީ ހާސިލުކޮށްފައެވެ. މިހާތަނަށް އައިއިރު އިނގިލިން ގުނާލެވޭ ވަރަށްވުރެ މާގިނައިން އައިސްތަށް ވަނީ އެކިކަހަލަ އެވޯޑުތަކާއި ސެޓްފިކެޓްތަކާއި ވަނަތައް ލިބިފައެވެ.
އެހެންނަމަވެސް މިދިޔަ 2022 ގެ ކަރޭޖަސް އެވޯޑް ގޯލްޑް ކެޓަގަރީ އާއި މިއަހަރު ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ވިމްގެ ޓޮޕް 50'، ގްލޯބަލް އެވޯޑްގެ ކަރޭޖަސް އެވޯޑަކީ އައިސްތުގެ ޒަމާންވީ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔަ ދެ ކާމިޔާބެވެ.
"އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން، އިނގޭތޯ، އަދިވެސް ދާނި ކުރިއަށް، ދެންވެސް ދާނީ އިރާދަކުރެއްވިއްޔާ ކުރިއަށް،" މިދިޔަ އަހަރު އައިސްތުގެ ވިމްގެ އެވޯޑް ލިބުމާ ގުޅިގެން ދެއްކި ވާހަކައިގެ ތެރެއިން ބުނެފައިވާ ޖުމްލައަކީ ކިހާ ވަރުހުރި ތެދެއްކަން މިއަދު މިވަނީ ހާމަވެގެންގޮސްފައެވެ.
އައިސްތުގެ އާއިލާ، އެކުވެރިން އެންމެންވެސް އައިސްތަށްޓަކައި!
އައިސްތުގެ އާއިލާގެ އެންމެންވެސް އައިސްތުދެކެ އިންތިހާއަށް ލޯބިވެއެވެ. އައިސްތުގެ ބޭބެއަކީ ޑޮކްޓަރަކަށްވުރެ ބޮޑަށް އައިސްތުގެ ގާތް އެކުވެރިއެހީތެރިއެއްވެސްމެއެވެ. އިރުޝާދާއި ނަސޭހަތް އަބަދުވެސް އައިސްތަށް ލިބިލިބި ހުންނަނީ އޭގެ ބޭނުން އައިސްތު ހިފާތީކަން ގައިމެވެ. އައިސްތުގެ ކޮއްކޮ ސޯފީއަކީ އެންމެ ކުޑައިރުން ފެށިގެންވެސް ހާއްސަ ގާތް ކަމެއް އައިސްތަށް ބަހައްޓާ ކޮއްކޮއަކަށްވުރެ ބޮޑަށް ގާތް ރަހުމަތްތެރިއެކެވެ. ވަކިވަކިން ނަން ނުހިމެނިކަމުގައިވިޔަސް ހެންވޭރު ޝަފީގުގޭ އާއިލާގެ ކޮންމެ ފަރުދަކީވެސް އައިސްތުދެކެ ނިހާޔަތަށް ލޯބިވާ، އޯގާތެރި ފަރުދެކެވެ.
އައިސްތަށްޓަކައި ފެހުމަށް ހާއްސަކޮށްފައިވާ ގޭގެ ބޮޑުކޮޓަރިއަކީ ޔަގީނުންވެސް އެހެން އެއްވެސް ދައްޗަކާ ނުލައި ފަސޭހަކަމާއެކު ހުރިހާ މަސައްކަތެއް ކުރެވޭނެހެން ފަރުމާ ކުރެވިފައިވާ ތަނެކެވެ. ފެހުމުގެ މަސައްކަތުގައި އައިސްތަށް ދަތިވީ ޒަމާން ވޭތުވެއްޖެއެވެ. އެއްދުވަހެއްދިޔަކަން ޔަގީނެވެ. ފެހުމަށް ބޭނުންވާ ސާމާނު ގަތުމަށް ފިހާރަތަކަށް ދާން ނުކުންނަ ކޮންމެ ފަހަރަކު ހިންދިރުވައި ހިތްވަރު ކުރަން ޖެހުނު ދަތި އެވަގުތު ފަސްދީފިއެވެ. މަލާމާތާއި ގަނާ ކުރުމަކުން އައިސްތު ފަހަތަކަށް ނުޖެހުނެވެ. ޕޯލިއޯ ބަލީގެ ޝިކާރައަކަށްވެ، ފުރޮޅުލީގޮނޑީގައި އިނަސް އައިސްތު ދުނިޔެއަށް ދެއްކީ އީމާނާއި އަގީދާއާއެކު ކޮށްފި ހިތްވަރެއް ގެއްލި ނުދާނެކަމެވެ. އައިސްތުގެ އުންމީދުތައް އަދިވެސް އޮތީ ކުރިއަށެވެ. މިދިޔަ އަހަރުގެ ކަރޭޖަސް އެވޯޑު ލިބުމުން އައިސްތު ހިތްވަރު ކުރީ ދުނިޔޭގެ އެވޯޑަކަށެވެ. މިއަދު އެކަންތައްވެސް ވެއްޖެއެވެ.
ހިތުގެ ފުންމިނުން އައިސްތުގެ ޝުކުރު!
އައިސްތުގެ ހާއްސަ އެކުވެރިންވެސް ގިނައެވެ. ޝުކުރުއަދާކުރަން ބޭނުންވާ އެތައްބަޔަކު އެބަތިއްބެވެ. މަންމަޔާއި ބައްޕަހުރިހާ ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިން، އައިސްތު ރަޝީދު / ގ.ފަރު (އެކުވެރިއެއް، ފެހުންތެރިއެއް)، އައިޝަތު ނަސީރު / އައްޑޫސިޓީ (އެކުވެރިއެއް، ފެހުންތެރިއެއް)، ޝަމްލާ (ޝަމް)، ސުއި (އެކުވެރިއެއް)، ތުތީ (ކަޒިން)، އަދްލީ (އެހީތެރިވެދޭ އެކުވެރިއެއް)، ބޮޑުދައިތައިން، ކަތްދައިތަ / ފާތާމަނިކެދައްތަ / ހައްވައްތަ، އާއިލާގެ ހުރިހާ އެންމެންގެ ނަން ވަކިވަކިން ނަން ހާމަ ނުކުރެވުނަސް އައިސްތުގެ ހިތުގެ ފުންމިނުން މިއެންމެނަށްވެސް ޝުކުރު އަދާކުރެއެވެ.
ގޭގައި އިނދެގެން މަސައްކަތް ކުރިއަސް، ފޮޓޯތައް ޖަހައި އިޝްތިހާރު ވެ، އަޑު ނުއުފުލިއަސް ކާމިޔާބު ވެދާނެކަން އައިސްތު ސާބިތުކޮށްދީފިއެވެ. އަދިވެސް އައިސްތު ދާން ބޭނުންވަނީ ކުރިއަށެވެ. ރަންވަނަތަކާއި ރަންތާޖާއި ކާމިޔާބަކީ ވަކިބައެއްގެ ހައްގުމިލްކެއް ނޫންކަން އަދި ހިތްވަރާއި މިންނެތް މަސައްކަތާއި ނުގުޑާ އަޒުމަކީ އޭގެ އަސްލު ހަގީގަތްކަން ވެސް އައިސްތު ސާބިތުކޮށްދީފިއެވެ. ދެންވެސް އައިސްތު ބޭނުންވަނީ ދެވެންއޮތް އެންމެ އުހަކަށް ދިއުމަށެވެ. "ހަލި" ނޫހުގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައިވެސް އައިސްތަށް މަރުހަބާ ކިޔުމާއެކު އަބަދަށްވެސް އެދެނީ ފަހި ކާމިޔާބީއަށެވެ.
މާތްކަލާނގެ ކާމިޔާބާއި މޮޅުދެއްވަނީ އެކަމަށް އަޅަކު ކުރާ މަސައްކަތުން، އައިސްތަށް ފަށްފަށުން ހާސްފަށުންވެސް މަރުހަބާ
މާޝާﷲ. މިއަށްކިޔާނީ ހިތްވަރު، އަހުންނަކަށް ނޭނގޭ މިއީ ކާކުކަމެއް، އެކަމަކު ޔަގީނުންވެސް ހިތްވަރެއް ކޮށްފިކަން އެނގޭ ސާބަހޭ ބުނާނީ ހަމަ