ރައްޔިތުންނަށް ފެނާއި ނަރުދަމާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަން ދަރާފައިވާ ވާހަކަ ދައްކާ މީހުން ގިނަވެއްޖެއެވެ. އެ ހިސާބުން ބަލަންވީ އެކުންފުނި ދަރާފައިވަނީ ކީއްކޮށްގެންތޯއެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ފެނަކައިން އެންމެ އިސްކަންދިން އެއްކަމަކީ ރަށްރަށުގައި ހުރި ބައު އިންޖީނުގެތައް އައުކުރުމެވެ. ގެދަބުޅިތަކުން ރައްޔިތުން ސަލާމަތް ކުރުމެވެ. އެކަން މިސަރުކާރުން ކޮށްފިއެވެ. އެކަން ކުރުމުގެ އިސްމާލިމީއަކަށް ހުންނެވީ ފެނަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢީދު މުޙައްމަދެވެ.
އެކުންފުނީން މިހާތަނަށް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކުންފުނީގެ 61 އޮފީސް އިމާރާތެއް ގާއިމްކޮށް ހުޅުވައިފައެވެ. އޭގެއިތުރުން 48 އިންޖީނުގެއެއްވަނީ އަލަށް ބިނާކޮށް ހުޅުވައިފައެވެ. މީގެ އިތުރުން އަށާވީހަކަށް އިންޖީނުގޭގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަގެންދެއެވެ. ސަރުކާރުގެ މިދައުރު ނިމުމުގެ ކުރީން އެ ރަށްރަށަށް އެތަންތަނުން ޚިދުމަތް ދެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މިގެ އިތުރުން އިންޖީނުގެތައް އަޕްގްރޭޑު ކޮށް ކެޕޭސިޓީ މަތިކުރުމަށް އެތައް މަޝްރޫއެއް ހިނގާފައިވެއެވެ. މިކަންކަމަށް ފައިސާ ބޭނުންވާނެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިފަދަ މަޝްރޫއުތައް ހިންގަން ލޯނުނަގައެވެ. އެއީ އެއްބަސްވެފައިވާ ގޮތަށް ދައްކާ ޚަލާސް ކުރަންޖެހޭ އެއްޗެކެވެ. ފެނަކައިން ވެސް ގެންދަނީ އެފަދަ ލޯނުތަކަށް ފައިސާ ދައްކައި ޚަލާސް ކުރަމުންނެވެ.
ދެން އޮތީ ފެނާއި ނަރުދަމާގެ ވާހަކައެވެ. މިސަރުކާރުގެ ފުރަތަމަ ފަސްއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ އަޅައި ނިމެނޭއެވެ. ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމަށް ވެސް ޚަރަދު ހިނގާނެއެވެ. މި މަޝްރޫޢުތައް ހިންގަން ލޯނު ނަގާނެއެވެ. ނަގާ ކޮންމެ ލޯނަކީ ދައްކަން ޖެހޭ އެއްޗެކެވެ. ފެނަކައިން އެކަން އެބަކުރެއެވެ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފުރިހަމަ ކުރުމަށް ހިންގާ މަޝްރޫޢުތައް އިތުރުވާ ވަރަކަށް ޚަރަދު ބޮޑުވާނެއެވެ. ދަރަނި އިތުރުވާނެއެވެ.
ސިޔާސީ ވާދަވެރީން އެފަދަ ވާހަކަތައް ދައްކަނީ އެކުންފުނީން ދެމުން ގެންދާ ޚިދުމަތްތައް ފަސްއަޅައި އެހެންދިމާއަކަށް ރައްޔިތުންގެ ވިސްނުމާއި ފިކުރު ގެންދިއުމަށް ކަމަށް ފެނަކައިން އެގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެފައިވަނީ ފެނަކައާ ބެހޭ ގޮތުން އެފަދަ ނެދެވޭ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ. އެކުންފުނީން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް ފެނި ހަސަދައިން ހިތްތައް ކަޅިވެގެން ކަމަށެވެ. އެހެން ބަޔަކަށް ނުކުރެވުނު ކަމެއް މިސަރުކާރުން ކުރާތީ އެކަމާ ހިތްދަތިވެގެން ކަމަށެވެ.
މިވަރުން ފުއްދާލެވޭކަމަށް ނެތެވެ. ފެނަކަ ކުންފުނީގެ ގާބިލްކަން ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ފެނިވަޑައިގެންނެވުމުން އެމަނުކުފާނު ވަނީ ކެބނެޓާ މަޝްވަރާ ކުރެއްވުމަށްފަހު މިފްކޯއިން ހިންގަމުން އައި އައިސް ޕްލާންޓުތައް ހިންގުން ވެސް ފެނަކައާ ހަވާލުކޮށްފައެވެ. ރައީސް ވިދާޅުވީ އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.
ފެނަކައިގެ ދަށަށް އައިސްޕްލާންޓުތައް ބަދަލުކުރުމަށްފަހު އެތަންތަން މަރާމާތު ކޮށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. އެތަންތަނުގައި ތިބި މީހުންނަށް ތަމްރީންދީ ގަދަ ބަޔަކަށް ހެދުމުގެ މަސައްކަތް ފެށިއެވެ. މިކަންކަމަކީ ވެސް ފައިސާ ޚަރަދުވާނޭ ކަންކަމެވެ. މީހުން މީހުންނަށް ވަނީ މީހުންނަށް ހެދީމައެވެ. ފަނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެންމެ އިސްކަން ދެއްވާ އެއްކަމަކީ އެއީ އެވެ. މުވައްޒަފުންނަށް ތަމްރީންދީ މީހުންނަށް ހެދުމެވެ. ކުންފުނީގެ ދަރަނިތަކާއި އަރަނިތަކާއި ހިސާބުކިތާބަކީ އެހެން ކަމެކެވެ. އެއީ މިފަދަ ޚިދުމަތްތެރި ކުންފުންޏަކަށް ދިމާވާނޭ މައްސަލައެކެވެ. "އަޅުގަނޑުމެންނަކީ ޚިދުމަތްދޭ ޔުޓިލިޓީ ކުންފުންޏެއް. ކޮންމެފަދަ ވަގުތެއްގައި ވެސް އިންޖީނު ނިވާދާނެ. ކޭބަލެއް ބުރިވެދާނެ. އެއްޗެއް އަނދައިފާނެ. އެފަދަ އެއްވެސް ހާލަތެއްގައި ދެއަތް އުރާލައިގެން ތިބުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން. ރައްޔިތުން ބޭނުން ނުވާނެ އެންމެ ސިކުންތަކަށް ވެސް ކަނުއަނދީރީގައި ތިބެން. ފަންކާއައި އެއާކޯން ނެތިއްޔާ ތުއްތުކުދީންނަށް ބޮޑު ވޭނަކަށް ވާނޭކަން އެނގޭ. އެހެންވީމާ ދިމާވާ ޓެކްނިކަލް މައްސަލަތައް ވެސް ހައްލު ކުރުމުގައި އެކަމެއް ކުރެވެންއޮތް އެންމެ އަވަސް އެންމެ ފަސޭހަ އެންމެ ޚަރަދުކުޑަ ގޮތް ބަކައިގެން ހައްލު ކޮށްފައި ހުންނާނީ. ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ މިކުންފުނީގެ އެންމެ އިސް މަސައްކަތް،" ސަޢީދު ވިދާޅުވެފައިވެއެވެ.
ރާއްޖެއަށް ދިމާވީ ކޮވިޑުގެ ވަބާގެ މަތީން ހަނދާން އެބަހުރިހެއްޔެވެ؟ އެދުވަހު ވެސް އެންމެ އިސް ސަފުގައި ތިބި އެއްބަޔަކީ ފެނަކަ މުވައްޒަފުންނެވެ. ވެހުނުހާ ވާރެއާއި ދިންހާ އަވީގައި ފެނަކަ ޓީމް ގޮވައިގެން އެއްރަށުން އަނެއް ރަށަށް ވަޑައިގެން ފެސިލިޓީތައް ގާއިމްކުރުމާއި އެކޮމޮޑޭޝަން ގާއިމް ކޮށްދިނުމާއި ދެންވެސް ކުރަންޖެހުނު ހުރިހާ ކަމެއް ކުރުމުގައި އެންމެ އިސްކޮށް އެކުންފުނީގެ ފަރާތުން ހުންނެވީ އެމްޑީ ސަޢީދެވެ.
ފެނަކަ ދަރާފައިވާނަމަ ދަރާފައިވަނީ ހަމަ ތިބެފައެއް ނޫންނެވެ. ޚިދުމަތްތައް މެދުކެނޑުނަނުދީ ކުރިއަށް ގެންދިއުމަށް ލޯނުގަންޖެހުނީމާ ލޯނުވެސް ނަގަންޖެހޭ ކަމަށް އެމްޑީ ގަބޫލުކުރައްވައެވެ. ސިޔާސީންގެ ސިޔާސީ ބަހުރުވައާއި ހަގޫގަތެއްނެތް ވާހަކަތަކުން ފެނަކަ އެމްޑީއާއި މުވައްޒަފުން ކުޑުވައެއް ނުލެވޭނެއެވެ. އެކުންފުނީގެ މުވައްޒަފުން ތިބީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންނަށް ޚިދުމަތް ދޭން ތައްޔާރަށެވެ.