ސަރުކާރުގެ ހައުސިންގ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތީލީ ފަރާތްތަކުގެ ތެރެއިން ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިމަހު ޢާއްމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް މިދިޔަ އަހަރުތެރޭގައި ހުޅުވާލި ފުރުސަތުގައި 35000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އަދި އެ މީހުންގެ ފޯމްތައް މިހާރު ދަނީ ދިރާސާކުރަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ފަދައިން މިމަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ޢާއްމުކުރައްވާނެކަމަށާއި އަދި އެކަމަށްޓަކައި ލިސްޓުތައް ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.

އަދި މިއަދު މިކަމުގައި ސީދާ ރައީސް ޞާލިހު ކޮމެޓީއާއި ބައްދަލު ކުރާނެކަމަށާއި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މިމަހުގައި އިއުލާން ކުރާނެކަމަށާއި އެކަން ފްލެޓް ކޮމެޓީން ރައްޔިތުންނާއި ހިއްސާ ކުރާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދުވަހެއްގައި ކަމެއް މިއުވާން ވިދާޅުވެފައެއް ނުވެއެވެ.

ސަރުކާރުން ހުޅުވާލި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް 35000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. މީގެތެރެއިން 14000 އަށްވުރެ ގިނަ މީހުން ވަނީ ފްލެޓަށް އެދި ފޯމު ހުށައަޅާފައެވެ. މިފްލެޓުތަކުގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ.