ޗައިނާގައި މުސްލިމުންގެ އާބާދީ މަދުކުރަން ދަރިފަނި މަރާ މައްސަލަ ބޮޑުވެފައިވާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަމާ ދަނީ މައްސަލަ ޖައްސަމުންނެވެ. ޗައިނާއިން އުރިގޫރު މުސްލިމުންގެ ދަރިފަނި މަރާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ އިއްޔެ އެސޯސިއޭޓެޑް ޕްރެސްއިން މި ކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އެކްސްކްލޫސިވް ރިޕޯޓަކާ ގުޅިގެންނެވެ.
ޗައިނާއިން ޒަމާނުއްސުރެން އަމަލު ކުރަމުން އައިސްފައިވަނީ ކޮންމެ ދެމަފިރިއަކަށް އެއް ދަރި ހޯދުމުގެ ސިޔާސަތުގެ މައްޗަށެވެ. މީގެ ސަބަބުން އަންހެން ދަރިއަކު ގަރުބަ ގެންފިނަމަ، ވައްޓާލުން އޮތީ އާންމު ކަމަކަށް ވެފައެވެ. މިހެންވެ، ޗައިނާގެ އާބާދީގައި އަންހެނުން މަދުވުމާއި އަދި އަދި ފިރިހެނުން، މީހުންނާ އިނުންވެސް ދަށްވެފައި ވުމުން އާބާދީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.
ޗައިނާއިން މިހާރު ހިތްވަރު ދެނީ އެއް ދަރިއަށް ވުރެން އިތުރަށް ހޯދުމަށެވެ. ނަމަވެސް މިކަން ޚާއްސަ ވެފައިވަނީ ބައި ގިނަ ހޭން ނަސްލުގެ މީހުންނަށެވެ. މުސްލިމުންނާ އެހެން ބައިމަދު މީހުންނަށް ސަރުކާރުން މަޖުބުރުކުރަމުން ދަނީ ގަރުބަ ގަތުމުގެ ކުރިން ދަރިފަނި މަރާލުމަށެވެ.
އެސޯސިއޭޓެޑް ޕްރެސްއިން ކޮށްފައިވާ އިންވެސްޓިގޭޝަންގައި ސިފަ ކޮށްފައިވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މުސްލިމުންގެ ބައިގިނަ ޝިންޖިއާން ޕްރޮވިންސްގައި “އާބާދީ ނައްތާލުމުގެ” ހަރަކާތެއް ޗަައިނާއިން ހިންގާ ކަމަށެވެ. އޭޕީ އިން ވަނީ ސަރުކާރުން ހައްޔަރުކޮށްގެން ގެންގުޅު މީހުންނާއި އެމީހުންގެ އާއިލާތަކާއި މީހުން ބަންދުކޮށްގެން ގެންގުޅުނު ކޭމްޕެއްގެ “އިންސްޓްރަކްޓަރ”‘އަކާވެސް އިންޓަރވިއުކޮށް މަޢްލޫމާތު ހޯދާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވަނީ ޗައިނާއިން އުރުގޫރު މުސްލިމުން ނުވިހާގޮތް ހެދުމަށް ކުރާ މަސައްކަތް ވަގުތުން ނިންމުމަކަށް ގެނައުމަށް އިއްޔެ ގޮވާލައްވާފައެވެ. އަދި މި ބިރުވެރި ލާއިންސާނީ އަމަލު ހުއްޓާލުމަށް ޗަައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ގޮވާލާފައެވެ.
އޭޕީގެ އިންވެސްޓިގޭޝަންއިން ލިބުނު މަޢްލޫމަތު ދޭހަވާ ގޮތުގައި ޗައިނާ ސަރުކާރުން ވަނީ މުސްލިމު އަންހެނުން ބަލިވެ އިނދޭތޯ ބެލުމަށް ދޭތެރޭ ދޭތެރޭން ޓެސްޓްތައް ކޮށް ހަދާފައެވެ. އަދި ރަހިމަށް ލައްވާ ޒާތުގެ ވަސީލަތްތައް ލައްވައިގެން ޓެސްޓްތައް ހަދައި މީހުން ދަރިމައި ނުވާ ގޮތަށް ހަދައި މާބަނޑު މީހުންގެ ދަރިން ވައްޓާލާފައެވެ.
މުޅި ޗައިނާގެ ހުރިހައި ޕްރޮވިންސެއްގައި ދަރިމައި ނުވާގޮތް ހެދުމަށް ބޭނުންކުރާ ސާމާނުތަކާއި ވަސީލަތްތައް ބޭނުންކުރުން މަދުވެގެން ގޮސްފައިވާ ކަމަށް ދައްކާއިރު ޝީޖިއާންގައި މި ފަދަ ވަސީލަތްތައް ބޭނުންކުރާ ނިސްބަތް އިތުރު ވެފައިވާ ކަމަށް ދައްކައެވެ.
ޗައިނާ ސަރުކާރުން ހިންގާ މި ސިޔާސަތަށް ދެކޮޅު ހަދާ ފަރާތެއް ވާނަމަ އެފަރާތެއް ކޭމްޕް ތަކުގައި ބަންދު ކުރެވެއެވެ. އަދި ގިނައިން ދަރިން ލިބިފައި ވުމަކީވެސް މީހާ، ޑިޓެންޝަން ކޭމްޕްތަކުގައިި ބަންދުކުރުމަށް ސަބަބެއްކަމަށްވެސް އިންޓަރވިއުދިން މީހުން ބުނެފައި ވެއެވެ. ފުލުހުން ގޭގެ އަށް ރެއިޑްކޮށް ކުދިންގެ އަދަދު ބެލުމަކީ އާންމު ކަމެކެވެ.
އޭޕީގެ ރިޕޯޓްގައި ކިޔައިދީފައިވާ ގުލްނާރު އަމީރްޒާކްގެ ވާހަކައިގައި ބުނެފައިވަނީ އޭނާ ތިން ވަނަ ކުއްޖާ ވިހެއުމަށްފަހު ސަރުކާރުން އެދިފައިވަނީ ދަރިމައި ނުވާގޮތް ހެދުމަށް ރަހިމަށް ޚާއްސަ ވަސީލަތެއް ލެއްވުމަށެވެ. ދެ އަހަރު ފަހުން 2018 ގައި ޗައިނާގެ ސިފައިންގެ ޔުނިފޯމްގައި ތިބި ހަތަރު މީހަކު އޭނާގެ ދޮރުގައި ޓަކި ޖެއްސެވެ. އެއިރު އޭނާގެ ފިރިމީހާ ހުރީ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައެވެ. އެއީ ތަރުކާރީ ވިއްކައި އުޅުނު މީހެކެވެ. ސިފައިން އެންގީ، ގުލްނާރު، އިތުރު ދެކުދިން ހޯދާފައިވާތީ، 2685 ޑޮަލަރަށްވާ ޗައިނާ ޔުއާން އިން ޖުރިމާނާކޮށްފައިވާ ކަމަށެވެ. މި ފައިސާ ނުދެއްކިއްޖެނަމަ އަދަބަކީ، ފިރިމީިހާއާއި އެހެން އެތައް މިލިއަން މުސްލިމުން ފަދައިން ބަންދަށް ދިއުމަށެވެ.
އޭޕީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މުސްލިމުންގެ ސަރަހައްދުގެ ހޯޓާންއާއި ކަޝްގަރުގައި ކުދިން އުފަންވާ ނސިްބަތް ވަނީ 2015 ގެ ނިސްބަތުން 2018 ގައި 60 އިންސައްތައަށް ދަށަށް ގޮސްފައެވެ. މުޅި ޝިންޖިއާންގައި ދަރިން ވިހާ ނިސްބަތް ވަނީ މިދިޔަ އަހަރުވެސް 24 ޕަސެންޓަށް ދަށަށް ގޮސްފައެވެ. އެހެންނަމަވެސް ޗައިނާގެ އެހެން ތަންތާގައި މި އަދަދު އުޅެނީ 4.2 ޕަސެންޓްގައެވެ.
ޗައިނާގައި އިންސާނީ ހައްގުތަކަށް އަރައިގަތުން އިތުރު ވަމުންދާކަމަށް އިހަށްދުވަހު ބާއްވާފައި އޮތް އިންސާނީ ހައްގުތަކާ ބެހޭ އދގެ ޕެނަލްއަކުން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ އެއް ދުވަސްފަހުން އެގްސައިލްގައި އެކުލަވާލާފައިވާ ޓިބެޓްގެ ސަރުކާރުން އިންސާނީ ހައްގުތަކާ ބެހޭ އދގެ ޔޫއެންއެޗްސީއާރުއަށް ގޮވާލާފައިވަނީ ޝިންޖިއާންއާއި ހޮންގކޮންގއާއި ޓިބެޓްގައި ބައިމަދު މީހުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ދުނިޔޭގެ ޖަމުއިއްޔާއިން އިތުރަށް މަސައްކަތް ކޮށްދިނުމަށެވެ.