2020 ވަނަ އަހަރު، ރާއްޖެއަށް 61 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީ އެތެރެކުރި މައްސަލައިގައި ހިފެހެއްޓި މީހުންގެ ތެރެއިން، މަސްތުވާތަކެތި އުފުލާފައިވާ ދޯނީގައި ތިބި ހަ މީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެއްޖެއެވެ. އަދި އެ އެންމެން އުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.

މާލެސިޓީ މާފަންނު، ބޮއިލިންގފިޝް ނަމަކަށް ކިޔާގެއަކަށް ނިސްބަތްވާ، އަހުމަދު ވިސާމް އިސްވެ ހުރެ، 2020 ވަނަ އަހަރުގެ މާރިޗްމަހު 26ވަނަދުވަހު، އިތުރު ބަޔަކާ ބައިވެރިވެގެން "އިރުއަލިމަސް" ނަމަކަށް ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުވާ އުފުލީ ޖުމްލަ އެގާރަމީހުންނަށެވެ. އޭގެ ތެރެއިން އެކަކު ވަނީ ތަހުގީގު މަރުހަލާގައި ބަންދުގައި އޮއްވައި މަރުވެފައެވެ.

މިމައްސަލައިގައި ދައުވާ އުފުލި މީހުން:

  • އަބްދުﷲ ޝާމް. ކ. މާލެ/ މއ. ބޯޅަކިންކިރިމާގެ
  • ހުސެއިން ސުނާޒު، މ. މުލި/ ސޯސަންވިލާ
  • ސައުދުﷲ ރަޝީދު، ކ. މާލެ/ މ. ކެޕްރިކޯން
  • މުހައްމަދު ނަޝީދު، މ. މުލި/ ހުދުފިނިފެންމާގެ (ޖަލުގައި ހުއްޓައި ވަނީ މަރުވެފައެވެ.)

  • މުހައްމަދު މާއިދު، މ. ކޮޅުފުށި/ އޯޝަންވިއު
  • އަހުމަދު ވިސާމް، ކ. މާލެ/ މ. ބޮއިލިންފިޝް
  • އަހުމަދު ސިފާޒް، މާލެ/ހުޅުމާލެ ފްލެޓް ނަންބަރު 06-ޖީ-4
  • މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި/ މުޝްތަރީގެ
  • މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ/ ގުލްދަސްތާގެ
  • މުހައްމަދު މާއިޝް، ކ. މާލެ/ މ. މާކޮޅު
  • މުހައްމަދު ޝާމިން، ކ. މާލެ/ މއ. ވިރާހު

މުހައްމަދު މާއިޝް އާއި މުހައްމަދު ޝާމިން އާއި އަހުމަދު ވިޝާމް އާއި މުހައްމަދު ހަމީދު ހައްޔަރުކޮށްފައިވަނީ މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށް ހިންގި އޮޕަރޭޝަންގައި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.

އަނެއް ހަތް މީހުން ހައްޔަރުކުރީ މަސްތުވާތަކެތި އުފުލި ދޯނިން ކަމަށްވެސް ބުނެފައިވެއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ދޯނިން ހައްޔަރު ކުރި ހަ މީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް އިއްވާފައެވެ.

ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް އިއްވި ހަ މީހުންނަކީ

  • އަބްދުﷲ ޝާމް،
  • ސައުދުﷲ ރަޝީދު،
  • ހުސައިން ސުނާޒް،
  • އަހްމަދު ޝިފާޒް،
  • މުހައްމަދު މާއިދު،
  • މުހައްމަދު ރިޝްވާން އިބްރާހިމް

އެ ހަ މީހުން އުމުރަށް (ފަންސަވީސް އަހަރަށް) ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ގާޒީ ހުކުމް ކުރެއްވިއެވެ.

މި މީހުން ވަނީ ހުކުމް އިއްވުމުގެ ކުރިން ތިން އަހަރާއި ދެ މަހާއި ފަސް ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އެހެންކަމަށްވުމުން، ދެން ތަންފީޒުކުރަން ޖެހޭނީ 21 އަހަރާއި ނުވަ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.

އަހުމަދު ވިޝާމް އާއި މުހައްމަދު މާއިޝް އާއި މުހައްމަދު ޝާމިން އާއި މުހައްމަދު ހަމީދުގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު ޕީޖީ އޮފީހުން ބުނެފައިވަނީ މިއީ މި މައްސަލައިގެ ބޮޑުން ކަމަށެވެ.

އެހެންނަމަވެސް މި މީހުންގެ މައްޗަށް އެ ކުށް ސާބިތު ނުވީ، އެ މީހުންނަކީ މަސްތުވާތަކެތި ފެނުނު "އިރުއަލިމަސް" ދޯނީގައި ތިބި މީހުންނަށް ނުވުމުން ކަމަށް ގާޒީގެ ހުކުމުގައި ވަނީ ހާމަކޮށްފައެެވެ. އަދި އެތަކެއްޗާއި ހަވާލުވާން އެ މީހުން ގޮސްފައިނުވާ ކަމަށާއި ދޯނިން ފެނުނު މަސްތުވާތަކެއްޗާއި އެ މީހުންނާ އޮތް ގުޅުން ދައުލަތުގެ ހެކި ގަރީނާއިން ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެހެންކަމުން ޓްރެފިކިންގެ ދައުވާ އެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ހިންގައި ހުކުމް އިއްވީ އިސް ގާޒީ އާދަމް މުހައްމަދު އެވެ.