އައްޑޫސިޓީ މީދޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނާގެ ހާލު ވަރަށްބޮޑަށް ދެރަވެ، ފަރުވާ ހޯދުމަށް މާލެ ގެނެސްފިއެވެ. ސ. މީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވަނީ މި މަހުގެ 24 ގައެވެ.

މި މީހާ އައްޑޫ މީދޫއަށް ދިޔައީ ޗުއްޓީ ހޭދަކޮށްލުމަށް މި މަހުގެ 20 ވަނަ ދުވަހުގައިކަމަށް އޭނާގެ އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ. އާއިލާއިން ބުނެފައިވާގޮތުގައި މިމީހާއަށް ހަމަލާދިނުމުގެ ކުރިން ބަޔަކު ވަނީ އޭނާއަށް އިންޒާރު ވެސް ދީފައެވެ. އޭގެފަހުން އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ފުއްޕާމެޔަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ލިބުނު އަނިޔާތަކުގެ ސަބަބުން ފުއްޕާމެޔާއި އެތެރެހައްޓަށް ބޮޑެތި ގެއްލުން ލިބި، "އިންޓާނަލް ބްލީޑް" ވެފައިވާކަން ވެސް އާއިލާއިން ބުނެއެވެ. އަދި ނޭވާލާން ވެސް އުނދަގޫވާކަމަށް އާއިލާއިން ބުނެއެވެ.

މީދޫ މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ މީދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، އޭގެ ފަހުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ހިތަދޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދިޔަ ނަމަވެސް ހާލު އިތުރަށް ސީރިއަސްވެ މާލެގެނައުމަށް މަސައްކަތްފަށާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.