އދ. ހަންޏާމީދޫގައި މިއަހަރުގެ އަޟްހާ އީދު ފާގަކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ. މިހަރަކާތައް ފަށާފައިވަނީ ފަތިސް ނަމާދަށްފަހު ބޭއްވި އީދު ބަޑިޖެހުމުންނެވެ.

އީދު ބަޑި ޖެހުމުގެ ކުޅިވަރު ކުރިޔަށް ގެންގޮސްފައިވަނީ ފަތިހު 5:30 ގައި މިރަށު ތުނޑީ ކޮޅުގައެވެ. އީދު ކުޅިވަރު ފެށުމުގެ ގޮތުން ރޭ ވަނީ ވެދުމާ ގޮސްފައެވެ. ވެދުމާ ދިޔުމުގެ ގޮތުން ރަށުގެ ތިން މަގެއްގައި މަޑުކޮށް ދަފި ނަގާފައިވެއެވެ. މި ކަން ކުރުމުގެ މައިގަނޑު މަގްސަދަކީ އީދު ކުޅިވަރު ކުޅުމަށް ކައުންސިލުގެ ހުއްދަ ހޯދުމެވެ.

ވެދުމާ ދިޔުމާއި އީދު ބަޑި ބަލާލުމަށް ރަށުގެ ކުދި ބޮޑު އެންމެހާ މީހުން ގޮސް ތިއްބެއެވެ. އަދި ރަށު އީދު ކުޅިވަރު ބެލުމަށް ޒިޔާރަތްކުރި އެންމެން ވެސް އީދު ބަޑި އާއި ވެދުމާ ދިޔުން ބަލަން އެއްވިއެވެ.

ވެދުމާ ދިޔުން

އީދު ބަޑި ޖެހުން އެކި ރަށްރަށުގައި ކުރަނީ އެކި ގޮތައް އެކި ނަން ކިޔައިގެންނެވެ. ބައެއް ރަށް ރަށުގައި އީދު މަޅި ނުވަތަ އީދު ހުޅުވެސް ކިޔައެވެ. މާދަމާވެސް މިރަށުގައި އީދުކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން ކޯޑި ޖެހުމާއި، މަސް ނެރުން އަދި ކޯޑި ކެނޑުން ހިމެނެއެވެ.

-ހަންޏާމީދުން ޖަޒުލާ