ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ އަމީނީމަގުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ދެން ކުރިއަށް ދާނީ ގިޔާސުއްދީން ސްކޫލް ހުންނަ ދިމާ މަގުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. އެ ކުބްފުނީން ބުނީ އުންމީދަކީ ސްކޫލު ހުޅުވެން ވާއިރަށް ސުކޫލުތަކުގެ ކައިރީގެ އެންމެހާ މަސައްކަތެއް ނިންމާލުންކަމަށެވެ.
އާރްޑީސީއިން މައުލޫމާތު ދިން ގޮތުގައި މި ވަގުތު އަމީނީ މަގުގައި ކުރެވެމުން ދަނީ މީރާ ކައިރީ ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅިތައް އެޅުމުގެ މަސައްކަތްތައް ކަމަށެވެ. ފެން ބިލްޑިންގ އިން ފެށިގެން ބިލަބޮންގ ސްކޫލް އާއި ހަމައަށް ހޮޅި އަޅައި ނިމުނު ހިސާބުގައި ދުވާރު އަދި ކާބްސްޓޯންގެ މަސައްކަތް ވެސް މިވަގުތު ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން ފެން ބިލްޑިންގާއި މީރާ ކައިރީ މިވަގުތު ހޮޅި އަޅައި ނިމުނު ހިސާބުގައި ސްޓޯމްވޯޓަރ ކެޗްޕިޓް ތަކުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް އާރްޑީސީން ބުންޏެވެ.
ދެން ކުރިއަށް ދާނީ އަމީނީމަގު ގިޔާސުއްދީނާ ހަމައިގައި ހޮޅި އެޅުމުގެ މަސައްކަތް ކަމަށާއި އުންމީދަކީ ސްކޫލް ހުޅުވެންވާއިރަށް ސްކޫލް ތަކުގެ ކައިރީގެ އެންމެހާ މަސައްކަތެއް ނިންމާލުން ކަމަށްވެސް އާރްޑީސީން ވަނީ ބުނެފައެވެ.
އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސްޓެލްކޯ އިން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ތާރުއަޅައި ނިންމުމަށް ފަހު މަގުމަތީ ނިޝާންތައް ކުރަހައި ނިމޭ ބައިތައް ވަކިވަކިން އަންނަނީ ހުޅުވާލަމުންނެވެ. އެކި ސެގްމަންޓުތަކަށް ބަހާލައިގެން ތަރައްގީކުރަމުން އަންނަ އަމީނީމަގުގެ ޖުމްލަ ހަތް ސެގްމަންޓު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެގޮތުން މަގުގައި ތާރު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ފެށީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ނަމަވެސް، މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވެ، މިހާރު އެ މަސައްކަތް ކުރަނީ އާރުޑީސީގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.