މަޖީދީމަގުން އީދުދުވަހު ފަތިހު ހިނގާފައި ދަނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު އަލީ ހަފީޒު ބޭސްފަރުވާއަށް އެއާއެމްބިއުލާންސެއްގައި ރާއްޖެއިން ބޭރަށް ފޮނުވަން އެހީ ލިބިއްޖެ އެވެ.
އުމުރުން ފަންސާސް އަހަރުގެ ހަފީޒަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ފަރުވާދެމުންދާ އިރުވެސް ހަފީޒުގެ ހާލު ވަރަށްވެސް ސީރިޔަސްއެވެ. އެހެންކަމުން ހަފީޒުގެ އާއިލާއާއި ގާތް ފަރާތްތަކުން އިއްޔެ ވަނީ އެއާއެމްބިއުލާންސެއްގައި އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމަށް އެހީ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ފޭސްބުކް ޕޯސްޓެއްގައި މިއަދު ބުނެފައި ވަނީ ހަފީޒުގެ އާއިލާގެ މެމްބަރުންނާއި، އެކުވެރިންނާއި، އެމްއެންޔޫ މުވައްޒަފުންނާއި ދަރިވަރުން، އާންމުން އަދި ސަރުކާރުގެ އެހީތެރިކަމާއެކު ބޭސްފަރުވާއަށް އެއާއެމްބިއުލާންސެއްގައި ރާއްޖެއިން ބޭރަށް ހަފީޒު ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާގެ ފަރާތުން އަދިވެސް އެދެނީ ތިޔަ އެންމެހާ ބޭފުޅުން ހަފީޒުއަށް އަވަސް ޝިފާ ދެއްވުން އެދި ހެޔޮދު އާކޮށްދެއްވުމަށެވެ." ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.
އީދު ދުވަސްވީ ބުދަދުވަހު ފަތިހު 5:00 އެހާއިރު، ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ ބާވީސް އަހަރުގެ ޒުވާނެކެވެ. ސައިކަލު ދުއްވަން އިން މިޒުވާނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ވަނީ އެކްސިޑެންޓު ހިނގި ދުވަހު ބުނެފައެވެ. އަދި އޭނާ ވަނީ މިހާރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުވެސް ކޮށްފައެވެ.