ބޯހިޔާ ވަހިކަމުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ފުލެޓުތަކުގެ ތަޅުދަނޑިތައް ފުލެޓު ލިބުނު މީހުންނާ މިމަހު ހަވާލު ކުރާނެކަމަށް އާބަންކޯއިން ބުނެފިއެވެ.

ވިނަރެސް ފުލެޓު ލިބިފައިވަނީ މާލެގައި ރަޖިސްޓްރީ ނުވެ ދިރިއުޅެތާ 15 އަހަރުވެފައިވާ މީހުންގެ ތެރެއިން 1094 މީހުންނަށެވެ. މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކަށް ވެސް ވަނީ ފުލެޓު ލިބިފައެވެ.

އަރބަންކޯއިން ވަނީ ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިދިޔަ މަހުގައި ފަށައިފައެވެ.

ވިނަރެސް ފުލެޓު މަޝްރޫއަކީ ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެެކެވެ. އެމަޝްރޫއުގެ ދަށުން 10 ޓަވަރު ވަނީ ބިނާކޮށްފައެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ.

ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާޚާނަ އަދި ބެލްކަނީ ހިމެނެއެވެ.