ހޭލުންތެރި މުޖުތަމައެއްގެ މޫނުބަލާ ލޯގަނޑަކީ އަރަމުން އަންނަ ތަޢުލީމީ ޒުވާނުން ކަމަށް ހެދުމުގެ ޒިންމާ އޮތީ ބެލެނިވެރީންނާއި މުދައްރިސުންގެ ބޮލުގައެވެ. މިކަން މިގޮތަށް ކުރުމަށްޓަކައި އެކުދިންނަށް ބޭނުންވަނީ ހަމައެކަނި ތަޢުލީމެއްނޫނެވެ. ރަނގަޅު އަޚުލާގަކާއި، ފުރިހަމަ ތަރުބިއްޔަތެކެވެ.

ރިވެތި އަޚުލާގަކާއި ތަރުބިއްޔަތަކާއެކު ކިޔަވައިގެން މުޖުތަމަޢުގެ ތެރެއަށް ނިކުންނަ ޒުވާނުންގެ ސަބަބުން، ޤައުމުގެ ތަރައްޤީއަށާއި އާއިލާތަކުގެ ފުދުންތެރި ކަމަށް އިތުރު ކުރިއެރުން ގެނުވައިދެއެވެ. އޭގެ އިތުރުން ޢާއިލީ ގުޅުންތަކާއި މުޖުތަމަޢުގެ ބަދަހިކަން ހަރުދަނާވެ، ކުލުނުން ފުރިފައިވާ މުޖުތަމަޢެއް ބިނާވެގެންދެއެވެ.

މިފަދަ ލޯބިވެތި ގުޅުންބަދަހި އެކުވެރި މުޖުތަމަޢެއް މި ކުޑަކުޑަ ޤައުމުގައި ބިނާކުރުމަށް، ސަރުކާރުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން ކެނޑިނޭޅި މަސައްކަތް ވެސް ކުރެއެވެ. މިއީ އުފާކުރަންޖެހޭ ކަމެކެވެ. މިކަން ޙާސިލް ކުރުމަށްޓަކައި ސްކޫލްތެރެއިންނާއި ގޭތެރެއިންނާއި، ސަރުކާރުންނާއި، ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ވަރަށް މުހިންމު އެހެން ކަމެއް އެބައޮތެވެ. އެއީ އެފަދަ މުޖުތަމަޢެއް ބިނާ ކުރުމަށް ބޭނުންވާ ޤާނޫނުތަކާއި ޤަވައިދުތައް ހެދުމެވެ. ހަރުދަނާ އުޞޫލުތަކުގައި ހިފެހެއްޓުމެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ވެސް އިންތިހާއަށް ބޭނުންތެރި ކަމެކެވެ. މިހާރު ވެސް ޤާނޫނުތަކާއި ޤަވާޢިދުތައް ނެތީއެއް ނޫންނެވެ. މައްސަލަ ދިމާވަނީ ޢަމަލުކުރުމުގައެވެ. އެހެން ކަމުން އެއީ ވެސް ތަރުބިއްޔަތުގެ ތެރޭގައި ހިމަނައިގެން ދަސްކޮށްދޭން ޖެހޭ ކަމެކެވެ.

ހަރުދަނާ މުޖުތަމަޢުއަކަށް ކުރެވޭ އުންމީދު ކިތަންމެ ފޮނިވިޔަސް، ދިވެހި މުޖުތަމަޢުން ފެންނަމުންދަނީ އެހާމެ އުއްމީދީ މަންޒަރުތަކެއް ނޫނެވެ. ދަރިވަރުންގެ އުޅުމާއި ގުޅުމަށް ރިޔާއަތްކޮށް، އަދި އެކުދިންގެ ހައްޤުތަކާއި ކަރާމާތްތަކަށް ވިސްނުން ބަހައްޓައިގެން ކުރާ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް، ހެދިފައިވާ ހަރުދަނާ އުޞޫލުތަކާއި، ޤަވައިދުތަކަކީ، ބައެއް ހާލަތްތަކުގައި ތާކުންތާކުން ނުޖެހޭ ދެލިގަނޑެއްފަދަ އެއްޗެކޭ ވެސް ހީވާ ފަހަރު އާދެއެވެ.

މިގޮތަށް މި ދަންނަވަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ސްކޫލް ބަންދުވުމާއެކު ސްކޫލް ކުދިންގެ ގިންތީން ދަރިވަރުން ވީއްލުނީއޭ ވެސް ހިތަށް އަރާ ޒާތުގެ މަންޒަރުތައް ފެނެއެވެ. މިކަން މިހެން ވަނީ ތަޢުލީމީ ނިޒާމުގެ މައްސަލައެއްގެ ސަބަބުން ހެއްޔެވެ؟ ނޫނީ މިއީ ދޯހަޅި ސިޔާސަތެއްގެ ސަބަބުންވާކަމެއް ހެއްޔެވެ؟ ހައްތާވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ.

ދަރިވަރުންނަށް ލިބޭ ބޮޑު ޗުއްޓީއަކީ، ސްކޫލުގެ ގަވާއިދުތަކަށް ޢަމަލުކުރުން ހުއްޓާލުމަށް ލިބޭ ވަގުތީ ލައިސަންސެއް ނޫނެވެ. އަދި ޒުވާނުން އަމަލުކުރާ މިންގަނޑަށް އުޅުމަށް އެދަރިވަރުންނަށް ދެވޭ ޓިކެޓެއް ވެސް ނޫނެވެ. އެހެނަސް ބޯދިގުކުރުމާއި، ނިޔަފަތި އަތްނުފޯރާފަށަށް ދިގުކުރުމާއި ކަރުގައި ފަށް އެޅުމާއި، ބޮލުގައި ކުލަޖެއްސުމާއި، ދަންވަރު ގަޑީގައި ބޭރުގައި އުޅުމާއި، ބެލެނިވެރިޔާކާ ނުލައި ހަގުއުމުރުފުރައިގެ ކުދިން ރަށްރަށަށް ދަތުރުކުރުމާއި، ދުންފަތުގެ އިސްތިއުމާލް ކުރުމާއި މިހެންގޮސް އެތައް ކަމެއް އެބަފެނެއެވެ.

ކަންމިހެން ހުރުމާއެކު، ދަރިވަރުންގެ މިފަދަ އާދަތައް ބަދަލުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. މުދައްރިސުންގެ މަސްއޫލިއްޔަތެކެވެ. އެކުދިންނަކީ ސްކޫލު ދަރިވަރުންކަން ހަނދާންކޮށްދިނުމާއި، ނަސޭހަތްތެރިވުމަކީ މުޖުތަމައުގެ ޒިންމާއެކެވެ. މިއަދު މިފަދަ ކަންތައްތަކަށް އަޅާނުލާ ދޫކޮށްލައިފިނަމަ ފަހުން އުފުލަންޖެހޭ ތަކްލީފް ބޮޑުވެދާނެއެވެ. އަދި މި އަމަލުތައް އާދައިގެ ކަންކަމަށް ހަދާއިފިނަމަ، މާދަމާ ނިކުންނަ ނަތީޖާ ހިތިވެދާނެއެވެ. އާދައިގެ އުސޫލަކަށް އަމަލު ނުކުރެވި ދާނޭގޮތަކަށްދާން ދޫކޮށްލައިފިނަމަ ޤާނޫނުތަކާ ޚިލާފްވެ މުޖުތަމަޢުގައި ކުށްކުރާ މީހުން މިހާރަށްވުރެވެސް އިތުރުވުމުގެ ބިރު އިންތިހާއަށް ބޮޑެވެ.

ބެލެނިވެރިންގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ނުޖެހޭށެވެ. ހެވާއި ނުބައި ކުދިންނަށް ބުނެދޭ ފަދައިން އުސޫލުތަކާއި ޤަވާއިދުތަކަށް ބޯލަނބަން ދަސްކޮށްދޭށެވެ. ސްކޫލުގެ ލީވިން އަތަށް ނުލިބޭ ހިނދަކު، އެކުދިންނަކީ ސްކޫލު ކުދިންކަން އަބަދުވެސް ހަނދާންކޮށްދޭށެވެ. ސްކޫލް ލީވިން އަތަށް ލިބުނަސް ޒުވާނެއްގެ ގޮތުގައި މުޖުތަމަޢުގެ ތެރެއަށް ނިކުންނާނީ ސްކޫލުންނާއި މައިންބަފައިންނާއި ބެލެނިވެރީން ދަސްކޮށްދިން އެއްޗަކާގެންނެވެ. އެހެންވީމާ ސްކޫލް ދައުރަކީ އަދަބު އަޚުލާގާއި ރީތި ސިފަތަކާއި އިޖުތިމާޢީ ފޭރާމުން ޒީނަތްތެރިވާން ދަސްކުރަން ލިބޭ ފަހި ފުރުސަތަކެވެ.

އެހެންކަމުން ސްކޫލް ދައުރަށްފަހު މުޖުތަމަޢުތެރެއަށް ޒުވާނެއްގެ ގޮތުގައި ނެރުމުގެ ކުރީން އިޙްތިރާމާއެކު ކުދިންނާ މުޢާމަލާތް ކުރުމަށް ދަސްކޮށްދޭށެވެ. އަދަބު އަޚުލާގާއި އިސްލާމީ އަދަބުތައް ބުނެދޭށެވެ. ހަރުދަނާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުންނަން ބޭނުންވާ ހުރިހާ ސިފަތަކެއް ދަސްކޮށްދޭށެވެ. އުންމީދު ކުރާ މުޖުތަމަޢު ލިބޭނީ އޭރުންނެވެ.