މި އަޟުހާ އީދު ވީ ބުދަ ދުވަހު ފަތިހު މަޖީދީމަގުގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ޒުވާނާއަށް ކްރިމިނަލް ކޯޓުން މިއަދު ފަނަރަ ދުވަސް ޖަހައިފިއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، 22 އަހަރުގެ ޝަމްއާން އަބްދުއްޝުކޫރު އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކަށެވެ. އަދި މިއަދު ފުލުހުން ވަނީ ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ޝަމްއާންގެ މައްޗަށް ކުރަނީ އެކްސިޑެންޓުގެ ތުހުމަތެވެ.

އެކްސިޑެންޓުގެ ތުހުމަތާ ގުޅިގެން ޝަމްއާންގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހަފީޒަށް އަނިޔާވިކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށެވެ. އަދި ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށްވެސް ވަކީލު ވިދާޅުވެއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު، އައިއޯ، ކޯޓުގައި ވިދާޅުވެފައިވަނީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށެވެ. އަދި ޝަމްއާން ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށާއި ބާރު ސްޕީޑުގައި ސައިކަލް ދުއްވިކަމަށް ޝަމްއާންގެ އިއުތިރާފްވެސް އެބައޮތްކަމަށެވެ. ކަފާލާތުގެދަށުން ދޫކޮށްލުމަށް ޝަމްއާންގެ ވަކީލު ކޯޓުގައި އެދިލެއްވިނަމަވެސް އައިއޯ އެދިލެއްވީ ބަންދު އިތުރުކޮށްދިނުމަށެވެ. އަދި ޝަމްއާންގެ ކުރީގެ މައްސަލަތަކަށްވެސް އައިއޯ ވަނީ އިޝާރާތްކުރައްވާފައެވެ.

އައިއޯއާއި ވަކީލުގެ ފަރާތުން ހުށަހެޅުނުކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކޯޓުން ޝަމްއާންގެ ބަންދަށް ފަނަރަ ދުވަސް ވަނީ ދީފައެވެ. ޝަމްއާން ހައްޔަރުކޮށްފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް އަމުރުގައި ބަޔާންކޮށްފައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރެޑްވޭވްއާ ހިސާބުގައެވެ. އެކްސިޑެންޓުގައި ސައިކަލުން ޖެހި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒުގެ ހާލު އެވަގުތު އޭޑީކޭއަށް ގެންދިޔަ ވަގުތުން ފެށިގެންސީރިއަސްކަމަށް ވާތީވެ ފަރުވާދެމުން ގެންދިޔައީ އައިސީޔޫގައެވެ. އަދި އެތައް ބައެއްގެ އެހީއާއެކު އެއާއެމްބިއުލާންސެއްގައި ހަފީޒު ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލެވިފައެވެ.

އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ހަޒީފު މިއަދު ވަނީ އެއާ އެމްބިއުލާސްއެއްގައި އިންޑިއާގެ ކޮޗިންއަށް އިތުރު ފަރުވާއަށް ފުރުވާލައިފައެވެ.