ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މި ދައުރުގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑާއި، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކުރަން ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކާއި، ތިން ކޯޓުގެ ވޮލީބޯލް އިންޑޯ ޓެންޑާކޮށް ބިޑު ނެގުން މިމަހު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ތިން ކޯޓުގެ ނޭޝަނަލް ބާސްކެޓް ބޯޅަ އެރީނާ އާއި، ނެޝެނަލް ޓީޓީ ސެންޓަރުގެ ބިޑް ނެގުންވެސް މި މަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށާއި އަދި އެ މަސައްކަތަށް ޖުމްލަ 42 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށާއި، މި ދައުރުގައި މަސައްކަތް ފަށައި، އިރާދަކުރެއްވިއްޔާ ނިންމާނީ ވެސް ރައީސް ޞާލިޙްގެ ވެރިކަމެއްގައި ކަމަށެވެ.

ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް އެކަނި 10 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. ނަމަވެސް މި މަޝްރޫއަށް އެކަނި ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުން މީގެކުރިން އަންދާޒާކޮށްފައިވެއެވެ..

ނަމަވެސް ގަލޮޅު ދަނޑުގެ މަސައްކަތް ސީދާ ފެށޭނެ ތާރީޚެއް މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.