ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެއްވެސް ފައިސާގެ މައްސަލައެއް ކުރިއަށްދާކަމުގެ އެއްވެސް މައުލޫމާތެއް އެމްއެމްއޭއަކުންވެސް އަދި ފުލުހުންވެސް އެކޯޕަރޭޝަނަށް އަންގާފައިނުވާކަމަށް އާރްޑީސީއިން ބުނެފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކާއި ނާސިރު ހަސަން ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް މީޑިޔާތަކުގައި ރިޕޯޓުވަމުންދާ މިވާހަކައާ ގުޅިގެން އާރްޑީސީގެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ އެއްވެސް މުއާމަލާތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓުން އެއްވެސް އިރެއްގައި ހިނގާފައިނުވާނެ ކަމަށެވެ.

ކޮންމެ އަހަރުވެސް އޮޑިޓް ކުރެވޭ ކުންފުންޏަކަށްވާއިރު ފައިނޭންޝަލް ޕޮލިސީ އާ ހިލާފަށް އެއްވެސް މުއާމަލާތެއް ނުވަތަ އެފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށްވެސް މިބަޔާނުގައި ހާމަކޮށްފައިވެއެވެ. ނޫސްތަކުން އެ ހަބަރު ގެނެސްދީފައިވަނީ އާރްޑީސީގެ ބަހެއް ނުހޯދާ ކަމަށްވެސް އާރްޑީސީއިން ވަނީ ބުނެފައެވެ. އަދިމިފަދަ މައްސަލައެއް ބަލަމުންދާކަން ފުލުހުން އެ ކުންފުންޏަށް އަންގާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

"އާރްޑީސީއާ ގުޅުންހުރި ފައިސާގެ މައްސަލައެއް ތަހުގީގުކުރަން ބޭނުންވާކަން އެމްއެމްއޭ އާއި ފުލުހުން މި ކުންފުންޏަކަށް އަންގާފައެއް ނުވޭ،" އާރްޑީސީން ބުންޏެވެ.

އާރްޑީސީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތަތައް ކުރަމުން ގެންދަނީ ރާއްޖޭގައި ހެދިފައިވާ މާލީ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ކުންފުނީގައި ހެދިފައިވާ ޕޮލިސީތކާއި އެއްގޮތަށް ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މިސަބަބަށްޓަކައި ވެސް މިފަދަ ކަމެއް ވުމަކީ ވާނެކަމެއް ނޫންކަމަށް އެކޯޕަރޭޝަނުން ވަނީ މައުލޫމާތުދީފައެވެ.