މިއަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އާ ބޭންކު އެކަންއުންޓެއް ހުޅުވުމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަންގައިފިއެވެ.

އިއްޔެގައި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިބްރާހީމް ހަބީބު ކުރެއްވި ޓުވީޓެއްގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކޮންމެ ކެނޑިޓޭޓެއްވެސް އާ ބޭންކު އެކައުންޓެއް ހުޅުވުމަށް އަންގާފައެވެ. އެެއީ އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި ބޭނުންކުރާނެ އެކަންޓެއްކަމަށާއި، މި އެކައުންޓުތައް ވާންޖެހޭނީ ރާއްޖޭގައި ހުންނަ ބޭންކުތަކުގެ ތެރެއިން އަލަށް ހަމައެކަަނި އެކަމަށް ހާއްސަ ކޮށް ހުޅުވާ އެކައުންޓެއްކަމަށެވެ.

މި އެކައުންޓު ހުޅުވަން ޖެހޭނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުގެ ނަމުގައިކަމަށްވެސް ހަބީބު ވިދާޅުވިއެވެ. މީގެއިތުރުން ހަބީބު ވިދާޅެވީ އިންތިހާބާ ގުޅިގެން ކެނޑިޑޭޓަށް ލިބޭ އެންމެހައި ފައިސާ ޖަމާކުރަންވެސް ޖެހޭނީ އަލަށް ހުޅުވާ އެކައުންޓަށް ކަމަށެވެ. އަދި މިކަމަށް ފަސޭހަ ކޮށްދިނުމަށްޓަކައި، އެކައުންޓު ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން އިން މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ) އާ މަޝްވަރާކޮށްފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އަދި މިކަމުގެ އެއްބާރުލުން ދިނުމަށް،އެމްއެމްއޭއިން ބޭންކުތަކާ ވާހަކަ ދައްކާނެކަމުގެ ޔަގީންކަން ދިން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ މިމަހުގެ 23ވަނަ ދުވަހުއެވެ.