ނ. ހޮޅުދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފާރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން އަނިޔާވި މީހުންނަށް ފުރިހަމަ ފަރުވާއެއް ދިނުމަށް ގޮވާލައި، ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަބަދުމެ އެޅުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.

ޕީޕީއެމުން މިހެން ބުނެފައި ވަނީ، އިއްޔެ ހަވީރު އިރުއޮއްސެމުން ދިޔަ ވަގުތުގައި ނ ހޮޅުދޫގައި ފާރެއް ކައިރީ ކޮނެގެން މަގުތަކުގެ މަސައްކަތްތަކުގައި އާރްޑީސީގެ މުވައްޒަފުން ތިއްބާ ފާރު އެމީހުންގެ ގަޔަށް ވެއްޓި އެކިވަރުގެ އަނިޔާ ލިބުނު މި މައްސަލައާ ގުޅިގެން އަނިޔާވި ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައި ރޭ ނެރުނު ބަޔާނެއްގައެވެ. ބަޔާނުގައި، ހަމްދަރުދީއާއި ހެޔޮދުއާއަށް ފަހު އަނިޔާވި ފަރާތްތަކަށް ފުރިހަމަ ފަރުވާއެއް ދިނުން އަވަސް ކުރުމަށާއި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ އެންމެންގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށާއި، މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަބަދުމެ އެޅުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

އެ ޕާޓީގެ މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފާރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ކަމަށާއި އަދި އަނިޔާ ލިބުނު ފަރާތްތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އެ ޕާޓީގެ ލީޑަރު ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ލީޑަރޝިޕާއި ސެނެޓަރުން އަދި ޢާންމު މެންބަރުން ހަމްދަރުދީ ފާޅު ކުރާ ކަމަށެވެ.

މީގެއިތުރުން، އެ ބަޔާނުގައި އާރުޑީސީގެ ފަރާތުން މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅުއްވާ ހުންނަކަން ވަރަށް ގިނަ ފަހަރަށް ފާހަގަ ކުރެވޭކަމަށް ބުނެފައިވެއެވެ. އަދި ހޮޅުދޫގައި ހިނގި ފާރު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައިވެސް ފާރު ބުޑު ކޮންނަމުން ދިޔައިރު ފާރު ވެއްޓުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަ ކުރާކަން އެ ޕާޓީއިން ބުނެފައި ވެއެވެ.

މިފަދަ ހާދިސާތަކުން ގެއްލުން ލިބެމުން ދަނީ ނިކަމެތި ދިވެހި ރައްޔިތުންނަށްކަން ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. އެ ކޯލިޝަނުން ވަނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ އެންމެންގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށާއި، މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަބަދުމެ އެޅުމަށް ގޮވާލާފައެވެ.

މިއަދު ހިނގި އެ ހާދިސާގައިގެ މަގުތައް ހެދުމުގެ މަސައްކަތްކުރާ އާރްޑީސީގެ މި ތިން މުވައްޒަފުންނަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެމީހުނަށް ފަރުވާދިނުމަށް ގެންދިޔައީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.

ނ. ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ތިންމީހެއްގެ ގަޔަށް ފާރެއް ވެއްޓި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސަައްކަތްތަކެއް ރޭގައި ވަނީ ފަށާފައެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތިން މުވައްޒަފުންނަށެވެ.

ނ ހޮޅުދޫ މަގުތައް ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީ އިން އާރުޑީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަސް ފެށުނު ދުވަހުއެވެ. އާރުޑީސީއާ އެ މަޝްރޫއު ހަވާލުކުރީ ފަނަރަމަސްދުވަހުން ނިންމާގޮތަށް 4.6 މިލިއަން ޑޮލަރަށް އެއްބަސްވުމެއްގެ ދަށުންނެވެ.