ނ. ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ތިންމީހެއްގެ ގަޔަށް ފާރެއް ވެއްޓި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސަައްކަތްތައް ކުރެވެމުންދާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތިން މުވައްޒަފުންނަށެވެ.
ނ ހޮޅުދޫ ކައުންސިލު ރައީސް ރިޟްވާން މުހައްމަދު "ހަލި" ނޫހުން ކޮށްލި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އާރްޑީސީގެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ހިސާބުގައި މިއަދު ހަވީރު 5:45 ހާއިރު ފާރެއް ވެއްޓުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ސޯޝަލްމީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯގައި ފެންނަ ގޮތަށް ފާރު ވެއްޓުނީ އެ ތިން މީހުންގެ ގައިމައްޗަށް ކަމަށް ކައުންސިލު ރައީސް ރިޟްވާންމުހައްމަދު ވިދާޅުވިއެވެ.
"ކުރިންވެސް ކުޑަކޮށް އަރިއަޅާފައި ހުރި ފާރެއްް. ވަރަށް ދުވަސްވެފައި ހުރި ފާރެއް އެއީ. ފާރާ މާބޮޑަށްކައިރިކޮށް ކޮނެވުނީމަ، ކުރިންވެސް ބަލިކޮށް ހުރި ދުވަސްވީފާރެއްވީމަ އެގޮތަށް ވެއްޓުނީ،" ރިޟްވާން ވިދާޅުވިއެވެ.
ރިޟްވާން ވިދާޅުވި ގޮތުގައި ހާދިސާގައި އަނިޔާވި ތިން މީހުންނަކީވެސް ނ ހޮޅުދޫއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން ފަންސާސް އަހަރަށްވުރެ އުމުރުން ދޮށީ އަހުމަދު ނިޔާޒު އިތުރު ފަރުވާއަށް މާލެ ގެންދަން ތައްޔާރީތައް ކުރެވެމުންދާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މިއީ އެންމެ ބޮޑުއަނިޔާވި މީހާކަމަށާއި މީނާގެ ޅިނދުކަށިގަނޑު ހަތަރު ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށާއި މީނާއަށް ރަނގަޅަށް ހަރަކާތްތައް ވެސް ނުކުރެވޭ ކަމަށް ރިޟްވާން ވިދާޅުވިއެވެ.
އަދި ފަަސްދޮޅަހަކަށް އަހަރުގެ އަހުމަދު ނޫރީ އާއި ބާވީހަކަށް އަހަރުގެ މޫސާ ރާވީއަށް ލިބުނު އެކިވަރުގެ އަނިޔާއަށް ފަރުވާ ދިނުމަށްފަހު އުނގޫފާރު ހޮސްޕިޓަލުން އެދެމީހުން ދޫކޮށްލީ ކަމަށްވެސް ރިޟްވާން ވިދާޅުވިއެވެ. މިދެމީހުންގެ ތެެރެއިން އެކަކުގެ ބޮލަށް އަނިޔާވި ކަމަށާއި އަނެކަކުގެ ކޮނޑު ކަށިގަނޑު ބިނދިފައިވާ ކަމަށްވެސް ރިޟްވާން ވިދާޅުވިއެވެ.
މިއަދު ހިނގި އެ ހާދިސާގައިގެ މަގުތައް ހެދުމުގެ މަސައްކަތްކުރާ އާރްޑީސީގެ މި ތިން މުވައްޒަފުންނަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެމީހުނަށް ފަރުވާދިނުމަށް ގެންދިޔައީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.
ނ ހޮޅުދޫ މަގުތައް ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީ އިން އާރުޑީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަސް ފެށުނު ދުވަހުއެވެ. އާރުޑީސީއާ އެ މަޝްރޫއު ހަވާލުކުރީ ފަނަރަމަސްދުވަހުން ނިންމާގޮތަށް 4.6 މިލިއަން ޑޮލަރަށް އެއްބަސްވުމެއްގެ ދަށުންނެވެ.